Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ލަންކާގައި އުޅޭ ދިވެހިން ވިސާއަށް ސަމާލުވުމަށް އެދިއްޖެ

ލަންކާގައި ހުންނަ ދިވެހި އެމްބަސީ ---

ލަންކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ސްޓޭޓަސް ބެލުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށާފައިވާތީ އެކަމަށް ސަމާލުވުމަށް ލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.

ލަންކާ އެމްބަސީ އިން ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެކި ބޭނުންތަކުގައި ލަންކާ އަށް ދާ ދިވެހިން ދުރާލާ ޕާސްޕޯޓައި ވިސާގެ މުއްދަތު ހަމަވޭތޯ ބެލުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވިސާ ހަމަވުމުގެ ކުރިން ވިސާ ގެ ކަންތައް ހަމަޖެއްސުމަށް ވެސް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްބަސީން ވަނީ އެއްވެސް ދިވެއްސަކު ގެއިން ނުވަތަ ހޮޓަލުން ބޭރަށް ނިކުންނަ ނަމަ، ޕާސްޕޯޓު ހިފައިގެން އުޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ވިސާ އާކުރުމަށް ޕާސްޕޯޓު އެމްބަސީގައި ނުވަތަ އިމިގްރޭޝަންގައި އޮތްނަމަ، ޕާސްޕޯޓް ނެގިކަމުގެ ރިސީޓް އަދި ކާކުކަން އަންގައިދޭ އެހެން ލިޔުމެއް ގެންގުޅުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

ދާދިފަހުން ލަންކާ ފުލުހުން މުޅި ލަންކާގައި ހިންގި އޮޕަރޭޝަނެއްގައި 12 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފޮރިން މިނިސްޓްރީން ބުނީ 12 ދިވެހިން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިސާއާ ނުލައި ސްރީލަންކާގައި އުޅުމާއި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައި ކަމަށެވެ.

އެމީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ވަނީ ދޫކޮށްލާފައެވެ.