ރާއްޖޭގެ ޖަލުތަކުގާ ހިންގަމުންދާ ހަމަނުޖެހުންތަކުގެ މައްސަލަތަށް ބަލަމުން ދާއިރު ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމަށާއި އެ މުއައްސަސާއިން އެއްވެސް އެއްބާރުލުމެއް ދެމުން ނުދާ ކަމަށް ޖަލުތަކުގެ މައްސަލަތައް މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދާއިރު، މޯލްޑީވްސް ކަރެކްޝަނަލް ސާވިސުން އެންމެ އެކަށީގެންވާ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށާއި އެ ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ހިތާމައާ އެކު ފާހަގަ ކުރާ ކަމަށެވެ.
މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގި މައްސަލަ އެޗްއާރްސީއެމުން ވަނީ ޖަލަށް ޒިޔާރަތްކޮށް ތަނުގެ އާންމު ހާލަތުބަލައި ގައިދީންނާއި ޖަލުގެ އިސްވެރިންނާއި މުވައްޒަފުންނާއި ވާހަކަދައްކާ މައުލޫމާތު ސާފުކޮށްފައެވެ.
މާފުށި ޖަލުގައި މިދިޔަ ހަފުތާއެއްހާ ދުވަހު ހިނގި ހަމަނުޖެހުންތައް ހުއްޓާލައި ޖަލު ހަމައަކަށް އެޅިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފައި ވާއިރު އިއްޔެ ކަރެކްޝަނުން ބުނީ، ޖަލުގައި އަލިފާން ރޯ ނުކުރާކަމަށެވެ. ނަމަވެސް ތުވާއްޔެއްގައި ރޯކުރި ކަމަށް ކަރެކްޝަނުން މީޑިއާއެއްގައި ބުނެފައިވެސް ވެއެވެ.