މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދޯ ދުވެލި ހުންނާނީ 5.5 އިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
ގައުމުތަކުގެ އިގްތިސޯދީ ކުރިއެރުން އަންގައިދޭ މިންގަނޑު ހާމަކުރުމުގެ ގޮތުން ވޯލްޑް ބޭންކުން ނެރޭ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ދުވެލި ކުރިއަށް އޮތް ދެ އަހަރުވެސް ހުންނާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 5.6 އިންސައްތައިގައި ކަމަށެވެ.
ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ނެރޭއިރު މިއަހަރުގެ ފުރަތަމަ ރިޕޯޓްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މިދިޔަ އަހަރު ކުރިއެރުން ލިބުނު ނަމަވެސް ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުމުގެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ އިންސައްތައަކީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީން ބުނާ އަންދާޒީ އަދަދަށް ވުރެ ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ. ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ދުވެލި މިއަހަރު ނިމޭއިރު ހުންނަނީ 7.5 އިންސައްތައިގައި ކަމަށެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓް ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިއަހަރުވެސް ހަލުވިކަމާ އެކު ކުރިއަރައިގެންދާނެ އެވެ.