Last Updated: April 25, 18:10
Thursday, April 25, 2024
ކުޅިވަރު

ކްލަބް ރިވެރިން ބަލިކޮށް ބޭރުމަތި ފައިނަލަށް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފައިނަލަށް ބޭރުމަތި އެފްސީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ބޭރުމަތި އެފްސީ ދަތުރުކުރީ ސެމީފައިނަލްގައި މިއަދު ހަވީރު 5-1 އިން ކްލަބް ރިވެރިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބޭރުމަތި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މި 9 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ބޭރުމަތި ޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ މިރާހު މުހައްމަދެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އިބްރާހިމް ސިރާޖު ވަނީ ބޭރުމަތި ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބޭރުމަތިން ނިންމާލިއިރު މެޗުގެ 51 ވަނަ މިނެޓްގައި އަލީ ފަހުމީ ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ބޭރުމަތި ޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެގޮތުން މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް އާއި އިބްރާހިމް ސާމީއެވެ. ކްލަބް ރިވެރިންގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

މުބާރާތުގެ ސެމީފައިނަލްގެ އަނެއް މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި ގޯދިއްޔާއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.