ހއ ދިއްދޫ ގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންނާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން، ފޯމުތައް އަލުން އިވެލުއޭޓުކޮށް ލިސްޓު ތަރުތީބު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ދިއްދޫގައި އަޅާފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލީ މީހުންގެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ދިއްދޫ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމެޓީ އަކުން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން ފޯރުކޮށްދެނީ އެކަމުގައި ބޭނުންވާ ފަންނީ ލަފާ ކަމަށެވެ.
ދިއްދޫގައި 250 ހައުސިން ޔުނިޓު އިމާރާތްކޮށްފައިވާއިރު ކެޓަގަރީ އޭގެ 125 ފްލެޓާއި ކެޓަގަރީ ބީގެ 15 ފްލެޓަށް އެދުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.
އެފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން 440 މީހުން ފޯމު ހުށަހެޅިއެވެ. ހައުސިން ޔުނިޓު ލިބުނު 140 މީހުންގެ ތެރެއިން 135 މީހުންނާ 2018 ވަނަ އަހަރުގެ ޖުލައިމަހު ހައުސިން ޔުނިޓުތައް ހަވާލު ކުރިއެވެ.
ބާކީ ހުރި 110 ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާލިއިރު ދެވަނަ ބުރުގެ ފްލެޓުތައް ދިނުން މަޑުޖައްސާލާފައިވަނީ އެ 110 ހައުސިން ޔުނިޓަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރުމުން އެ ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ދިއްދޫ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބުމުންނެވެ.