Last Updated: May 21, 11:44
Tuesday, May 21, 2024
ކޮލަމް

ޢިއްޒަތްތެރިންގެ ޝުކުރު

ކުރީޒަމާނުގައި އުޅުނު ރަސްކަލަކު ޖަންގަލީ އަށް ޝިކާރައަށް ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް މަގުއޮޅިގެންގޮސްނިކުމެވުނީ ވީރާނާ ވެފައިވާ ހަނަފަސް ބިމަކަށެވެ. އެތަނުން ރަސްގެފާނާއި ބައްދަލުވަނީ އަޅުކަމުގައި މަޝްޢޫލުވެގެން އިން މުސްކުޅި ބޭބެއަކާއެވެ.އެބޭބެއަށް ރަސްގެފާނު ފެނުމުން އިސްލާމީ އާދަކާދައިގެ މަތިން ސަލާމް ގޮވާލިއެވެ.

އެއިރު ރަސްގެފާނު ހުންނެވީ ދެލޯފުޅުލައްޕަވައިގެން ކޮންމެވެސް އެއްޗެއް ވިދާޅުވާށެވެ. ރަސްގެފާނުންގެ ދޫފުޅުން ބޭބެއަށް ސަލާމުގެ ޖަވާބުދެއްވުމުގެ ބަދަލުގައި ބޮލުން އިޝާރާތް ކޮށްލެއްވިއެވެ. މުސްކުޅިބޭބެ ޙައިރާން ކަމާއެކު ރަސްގެފާނަށް ދެންނެވިއެވެ. އޭރަސްގެފާނެވެ. އެއްމުސްލިމަކު އަނެއް މުސްލިމަކަށް ސަލާމް ކުރުމަކީ ސުންނަތެކެވެ. އަދި ސަލާމް ކުރެވުމުން ސަލާމުގެ ޖަވާބުދިނުުމަކީ ވާޖިބެކެވެ. ވީއިރު މަނިކުފާނު ސަލާމުގެ ޖަވާބުދިނުމުން އެއްކިބާ ވެވަޑައިގަތީ ކީއްވެގެންތޯ އެވެ؟ ޖަވާބުގައި ރަސްގެފާނު މުސްކުޅި ބޭބެއަށް ވިސްނައިދިނުމުގެ ގޮތުން ވިދާޅުވިއެވެ.ބޭބެ ސަލާމް ކުރިވަގުތަކީ ޝުކުރު އަދާ ކުރުމަށްޓަކައި ހުންނެވިވަގުތެވެ. އެހެން ކަމުން ބޭބެއަށް ސަލަާމްގެ ޖަވާބު ނުދެވުނީއެވެ. ބޭބެ ދެންނެވިއެވެ. މަނިކުފާނު ޝުކުރު އަދާ ކުރެއްވީ ކާކަށްތޯ އެވެ؟ ރަސްގެފާނު ވިދާޅުވިއެވެ. ކީރިތި ﷲ އަށެވެ.ބޭބެ އަނެއްކާ ސުވާލު ކުރިއެވެ.ﷲ އަށްޝުކުރު އަދާ ކުރީކޮންގޮތަކަށްތޯ އެވެ؟ ރަސްގެފާނުވިދާޅުވިއެވެ " الحمد لله " މިބަސް ދުލުންއަދާ ކުރަމުން ނެވެ. މިބަސްފުޅުން ފުރިހަމަ ޝުކުރު އަދާ ކުރެވޭނެ ކަމަށްޓަކައެވެ. މުސްކުޅިބޭބެ ދެންނެވިއެވެ. ރަސްގެފާނުންންގެ ދޫފުޅުން الحمد لله އޭވިދާޅުވަމުން ﷲ އަށް ޝުކުރު އަދާ ތިކުރައްވަނީ ، މަނިކުފާނަށް މަނިކުފާނުންގެ ވަޒީރުންނާއި ގަޑުވަރުގެ ބޭފުޅުން ޝުކުރު ދަނަނަވާގޮތް އެގިވަޑައިނުގަންނަވާތީކަން ކަށަވަރެވެ. ރަސްގެފާނު ވަރަށްޝައުގުވެރިކަމާއެކު މުސްކުޅިބެ ކާރިންﷲއަށްޝުކުރުދަންނަވާނެ އެންމެ ރަގަޅުގޮތަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ. އަދި އެގޮތްއެގުމުން އެގޮަތަށް ޢަމަލުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މުސްކުޅިބޭބެ ރަސްގެފާނާއިދިމާލަށް ވަރަށްރަގަޅަށްބައްލަވާލައްވަމުން ވިދާޅުވިއެވެ. މުއްސަދިތަނަވަސް މީހާ ތިމާއަށްވުރެ ނިކަމެތީންނަށް ތިމާގެމުދަލުން ހޭދަކޮށް އަޅާނަމަ ފުރިހަމަ ގޮތުގައި އޭނައަށް ﷲ އަށް ޝުކުރުއަދާކުރެވުނީއެވެ. ހަށިގަޑުގެ ބާރުގަދަ މީހާ ބަލިކަށި ނިކަމެތި މީހުންނަށް އޯގާތެރިކަމާއެކު ކަންތައް ކޮށްދިމުުން ފުރިހަމަ ގޮތުގައި ﷲއަށް އޭނައަށް ޝުކުރު އަދާކުރެވުނީ އެވެ. ރަސްކަލެއްނަމަ އޭނަގެ ރައްޔިތުންނަށް ޢަދުލު އިންސާފުން އެމީހުންނާމެދު ކަންތައްކޮށް، އެމީހުންގެ ހައްގުތައް އަދާ ކުރުމުން ފުރިހަމަ ގޮތުގައި ﷲއަށް ރަސްކަލުންނާއި މަތީ މަގާމުތަކުގައި ތިއްބަވީ ފަރާތްތަކަށް ޝުކުރު އަދާ ކުރެވުނީ އެވެ.

މިއީ މީގެ ޒަމާންތަކެއް ކުރިން ނިކަމެތި މުސްކުލިމީހަކު ރަސްްކަލަކަށް އެރުވި އަގުހުރި ނަސޭހަތުގެ ބަސް ކޮޅެކެވެ. އަޅުގަޑުމެން މިހާރު ދިރި އުޅެމުން މިދަނީ، ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އުފެދިފައިވާ ޑިމޮކްރެސީ ނިޒާމެއްގެތެރޭގައެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ލިއްބައިދީ އެހައްގުތައް ރައްކާކުރާނެ ބަޔަކު އިންތިޚާބު މިކުރަނީ ރައްޔިތުން އަމިއްލައަށެވެ. ކުރުގޮތަކަށް ދަންނަވާނަމަ އެއިންތިޚާބު ކުރެވޭ މީހުންނަކީ "ރައްޔިތުންގެ ޚާދިމުންން" ނެވެ. އެމަގާމުތަކަށް އެބޭފުޅުން ހޮވިވަޑައިގަތުމަށް މަސައްކަތް ކުރެއްވި އިރުއާދައިގެ ދެރަ ނިކަމެތި ރައްޔިތުމީހާ ވަރެއް ނެތެވެ. އާއްމުންގެ ގޭގެއަށް ގިނަގިނައިން ޒިޔާރަތް ކުރެއެވެ. ގޭގެތިބި ކުދި ބޮޑު އެންމެނާ ސަލާމް ގަލާންކޮށް ބުރަކަށީގައި ފިރުމާލަދީ ، ބޭނުމީ ކޮންކަންތައް ތަކެއްތޯ ސުވާލުކޮށް ހެދިއެވެ. ވަގުތީ ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ވެސް ފޯރުކޮށްދިނެވެ.

މަގާމަށް ހޮވިވަޑައިގެންފިނަމަ ރަށުގެ ތަރައްގީއަށްޓަކައި ކޮށްދޭނެ ކަންތައްތަކުގެ ބޮޑުލިސްޓެއްވެސް ކިޔައިދެނެވެ. އަޅުގަޑުމެން ގިނަ ދިވެހިންނަކީ އާދައިގެ ނިކަމެތި ދިރި އުޅުމެއްގައި ދިރިއުޅެމުންދާ ބަޔެކެވެ. ލިބޭ އާމްދަނީން ތިމާގެ ޟަރޫރީ ބޭނުންތައް ފުރިހަމަ ނުކުރެވޭ މީހުންނެވެ. ޢިތްޒަތް ތެރިމާގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ރައްޔިތުންގެ ސިކުޑިއާ ކުޅެލުމުގެ އުކުޅު ވަރަށް ރަގަޅަށް ދެނެވަޑައިގެނެް ތިއްބަވާ ބޭފުޅުންނެވެ. އެހެންކަމުން ކުރިންމިދެންނެވި ފަދަ އުކުޅުތައް ބޭނުންކުރައްވައިގެންއެމަގާމުތަކަށް ހޮވިވަޑައިގަތުމާއެކު ރައްޔިތުންނަށްތިމާވި ވަޢުދުތައް އެކުއެކީ ހަނދާންނެތިދެއެވެ. ތިމާގެހިތުގައި އުފެދޭ ބޮޑާކަމެއްގެ ސަބަބުން ނެވެ. މަހުންމަހަށް ލިބޭ ބޮޑުމުސާރައިގެ ސަބަބުންނެވެ. މިފަދަ އެތައް ސަބަބުތަކަށް ޓަކައެވެ. ގިނަބޭފުޅުންގެ އަމަލުތައް ފެންނަނީ މިގޮތަށްކަމަށް ދެންނެވުމަކީ އެބޭފުޅުންގެ ޢިއްޒަތާއި ގަދަރު ދަށްކުރުމުގެގޮތުނކުރިކަމެއްނޫނެވެ. ހަގީގަތް ހާމަކުރުމުގެ ގޮތުން ދަންނަވާ ދެންނެވުމެކެވެ.

ވެރިކަމާއި މުދަލާއި ފައިސާ އަކީ ﷲ ދެއްވާ ނިޢުމަތެކެވެ. އެއިލާހުގެ އަޅުން އިމްތިޙާން ކުރެއްވުމަށެވެ. އެނިޢުމަތްތަކަށް ތިމާގެ އަމަލާއި ބަހުން ޝުކުރުވެރި ނުވެއްޖެނަމަ އެންމެ ކައިރީ އެނިޢުމަތްތައް އަނބުރާގެންދެވުމެވެ. އޭގެ ކުރިން ތިމާގެ ޢަމަލާއި ބަހުން ﷲއަށް ޝުކުރުވެރިވަމާ ހިނގާށެވެ.