Last Updated: March 28, 13:31
Thursday, March 28, 2024
ކުޅިވަރު

ބާސާ ބަލިކޮށް އެތްލެޓިކޯ ފައިނަލަށް

3-2 އިން ބާސެލޯނާ ބަލިކުރުމަށްފަހު ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލަށް އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ބާސާ އިން ވަނީ އެތްލެޓިކޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެތްލެޓިކޯގެ ކީޕަރު އޮބްލަކްއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ކޮކޭ ވަނީ އެތްލެޓިކޯ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ލިއޮނަލް މެސީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ 62 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ.

މި ދެ ގޯލަށްފަހު ބާސާ އިން މެޗުގެ ކޮންޓްރޯލް ހޯދި ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި އެތްލެޓިކޯ އަށް ލިބުނު ޕެނަލްޓީއަކުން އަލްވަރޯ މޮރާޓާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން އެންހެލް ކޮރީއްޔާ ވަނީ އެތްލެޓިކޯގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ފައިނަލަށް އެޓީމު ގެންގޮސްދީފައެވެ.

މުބާރާތުގެ ފައިނަލްގައި އެތްލެޓިކޯ ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. ރެއާލް ފައިނަލަށް ދަތުރުކުރީ ވެލެންސިއާގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.