ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައި، އެ ސިޓީ ކައުންސިލަށް އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ އިލެކްޝަންސް ކޮމިޝަނުން ގުރުއަތުން ހޮވައިފިއެވެ.
ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެންބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެންބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.
ކުޅުދުއްފުށީގެ ހަ ދާއިރާ:
ކުޅުދުއްފުށި އުތުރު ދާއިރާ
ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ
ކުޅުދުއްފުށި މެދު އުތުރު ދާއިރާ
ކުޅުދުއްފުށި މެދު ދެކުނު ދާއިރާ
ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ
ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދު، 10،000 މީހުން ހަމަވުމުންނެވެ.