ހިމަބިއްސަށް ޝައްކުވާ މީހާ ފެނުނީ މާލެސިޓީން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްކަން ކަނޑައަޅާފައި ވަނިކޮށް އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ އެ ބަލި ފެނުނީ ކޮން ތަނަކުންތޯ ބުނެދިނުމަށް ގޮވާލަމުންނެވެ.
އެފަދައިން ގޮވާލާ މީހުންނަށް ޓްވީޓާގައި ޖަވާބު ދިނުމުގެ ގޮތުން ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިމަބިހި ފެނުނީ މާލެސިޓީން ކަމަށެވެ. އަދި އެ ބަލި ޖެހިފައިވަނީ ދިވެއްސަކަށް ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
އެޗްޕީއޭ އިން ބުނީ ހިމަބިހި ނުވަތަ މީސްލްސް އަށް ޝައްކުވާ ފަރާތެއް ފެނުމުން، ޓެސްޓްކޮށް ބަލި ހުރިތޯ ޔަޤީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެޗްޕީއޭ އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.
ހިމަބިއްސަށް ޝައްކުވާ މީހަކު ފެނުނުއިރު 2017 ވަނަ އަހަރު ވަނީ ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.