Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީ ޕްރައިމަރީ: އައްޑޫސިޓީ ކައުންސިލަރު ކަމަށް 39 ފަރާތެއް!

އައްޑޫސިޓީ ކައުންސިލް އިދާރާ --

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އައްޑޫސިޓީ އިން އެ ސިޓީގެ ކައުންސިލަރު ކަމުގެ ޓިކެޓު ހޯދުމަށް އެމްޑީޕީ ޕްރައިމަރީގައި 39 ފަރާތަކުން ވާދަކުރުމަށް ފޯމު ހުށަހަޅައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ޓިކެޓުގައި އައްޑޫސިޓީ ކައުންސިލަރުގެ މަގާމަށް ވާދަކުރުމަށް 39 ފަރާތަކުން ކުރިމަތިލިއިރު ތިން ފަރާތަކުން މޭޔަރު ކަމަށް ކުރިމަތިލުމަށް ތިން ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އައްޑޫ ސިޓީ ނެގުމަށްފަހު ދެން އެންމެ ގިނައިން ވާދަކުރަނީ މާލެސިޓީ ކައުންސިލަރުންގެ މަގާމަށެވެ. އެ މަގާމަށް ވާދަކުރުމަށް 38 ފަރާތަކުން އެމްޑީޕީ ޕްރައިމަރީ ފޯމު ހުށަހަޅާފައިވާއިރު އެ ސިޓީގެ މޭޔަރު ކަމަށް ހަތް ފަރާތަކުން ވަނީ ވާދަކުރަން ނިންމާ ފޯމު ހުށަހަޅާފައެވެ.

ފުވައްމުލަކު ސިޓީގެ ކައުންސިލްގެ މެމްބަރު ކަމަށް 10 މީހުން ކުރިމަތިލާން ނިންމާ ފޯމު ހުށަހަޅާފައިވާއިރު ރަށު ކައުންސިލަށް 1281 މީހުން ވަނީ ކުރިމަތިލާން ނިންމާފައެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަޑި ހަމަވިއިރު 1400އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މެމްބަރުންނަށް ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.