Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ތަފާތު ކުރުމެއް ނެތި ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ: ޔާމީން

ޔާމީން ދޫނިދޫ އަށް މީގެކުރިން ގެންދެވުން - ފޮޓޯ: މިހާރު

އިންސާފުގެ ހަމައަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ބެއިލްގެ ފުރުސަތު ލިބިގެން ދިއުން ކަމަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީންގެ ފަރާތުން މެސެޖެއް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ދިވެހި ރައްޔިތުންނަށް ހިއްސާ ކޮށްދެއްވާފައެވެ.

އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ ތަފާތު ކުރުމެއް ނެތި އެމަނިކުފާނަށްވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ. އަދި ދޮޅުމަސް ވެގެން ދިޔައިރިު ކޯޓުން އެމަނިކުފާނުގެ ބެެއިލްއާ މެދު ގޮތެއް ނުނިންމާ އޮތުމަކީ ކޮންކަހަލަ ކަމެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

"ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފު ލިބިގެން ދިއުމަކީ ޖުޑިޝަރީ އިސްލާހުވުން،" ޔާމީން ވިދާޅުވިއެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ.

ފަސް އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ ކޯޓުން މިއަދު ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

އަދި އިދިކޮޅު ފަރާތްތަކުން ދާދިފަހުން ވަނީ ޔާމީންގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އިދިކޮޅުން ހާމަކޮށްފައެއް ނުވެއެވެ.