ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދެހާސް ވިހިވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުންފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ މަދަރުސީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކީ އަބުރުވެރިކަމާއެކު އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަޒުމެއް ކަމަށެވެ. މިގޮތުން ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވުމަށްޓަކައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މުޅިން އަލަށް ސްކޫލުތަކުގައި މިއަހަރުތެރޭ ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ނިމުނު އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން މަސައްކަތަށް އަހުލުވެރިކުރުވުމަށް އަންނަ ފެބްރުއަރީ މަހު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ތައުލީމާއި ބެހޭ ގާނޫނެއް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އުއްމީދަކީ މިއަހަރު އެ ގާނޫނު ފާސްވެގެން ދިއުން ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެގެން ވުމާއި، ކަންކަމަށް މީހުން ޒިންމާދާރު ކުރުވުމަށާއި ތައުލީމުގެ ބާވަތާއި ގޮތްތައް ކަނޑައެޅުމުގައި ވަރަށް ބޮޑު ސާފުކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް މިއަހަރު އިތުރު ކުރިއެރުންތަކެއް އަންނާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަހަރު ހިންގާނޭ މުހިއްމު އެއްކަމަކީ ހުރިހާ ސްކޫލްތަކުގެ އުމްރާނީ އަދި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކުރުން ކަމަށެވެ. މިކަމުގެ ތެރޭގައި އެތައް ސްކޫލެއްގައި އާ އިމާރާތްތައް ކުރުމާއި އެކި ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައި ވަނީ 73،000އަށްވުރެ ގިނަ ދަރިވަރުންނާއި އެކުގައެވެ.
ދިރާސީ އާ އަހަރަށް ސްކޫލް ތަކުން ތައްޔާރުވެފައިވާ އިރު ރާއްޖޭގެ 212 ސްކޫލެއްގައި 73067 ދަރިވަރުން މިއަދު ކިޔަވުން ފަށާނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު 150 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭ އިރު 170 ސްކޫލެއްގައި ޕްރީ ސްކޫލް ތައުލީމު ދޭނެކަމަށެވެ. 193 ސްކޫލްގައި އޯލެވެލްއަށް ކިޔަވައިދޭ އިރު 50 ސްކޫލެއްގައި އޯލެވެލްއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުން ސްކޫލު ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ މިއަހަރުވެސް ބަރާބަރަށް ދަރިވަރުންނަށް ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިދޔަ އަހަރު އަލަށް ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.