ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 1،364 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މީގެކުރިން އެޕާޓީން ބުނީ ސުންގަޑި ހަމަވިއިރު 1400އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ވެސް ބަންދުވެފައިވާއިރު، ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެކަމަށް އެމްޑީޕީއިން ބުންޏެވެ.
ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.