މިއަދު ހަވީރު 4:30 ހާއިރު މަރަދޫ ކޮޅުން ލިންކު ރޯޑާއި މަރަދޫ ބޮޑު މަގު ގުޅޭ ހިސާބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި ބޮޑުވަރުވީ ސައިކަލް ދުއްވަން އިން މއ. ޝޭޑީރީޑް، އިބްރާހިމް ރަޝީދު (58އ)އަށެވެ.
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓް ހިގާފައިވަނީ ލިންކު ރޯޑުން ހިތަދޫ ކޮޅަށް އިބްރާހިމް ރަޝީދު ދުއްވާފައިދިޔަ ސައިކަލާއި ބޮޑުމަގުން ގޮސް ލިންކް ރޯޑަށް ނިކުތް ކާރަކާއި ޖެހިގެންނެވެ.
މި ހާދިސާގައި އިބްރާހިމް ރަޝީދުގެ ވިއްސައިގެން ގޮސް ތާރުގަނޑުގައި ޖެހި ނިތްކުރިން ތަންގަޑެެއް ޒަހަމް ވެފައިވާ ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ. އަދި އިބްރާހިމް ރަޝީދުވަނީ އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެ ވެ.
މިއެކްސިޑެންޓްގައި ސައިކަލަށާއި ކާރަށް ބޮޑު ގެއްލުމެއް ލިބިފައިނުވެއެވެ.
އިއްޔެ ރޭ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ފައިބިންދައިގެން ގޮސް އޭނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެންގޮސްފައެވެ.