ސަޕޯޓު ހޯދުމުގެ ގޮތުންވިއަސް އެއްބަސްވެފައިވާ އަހުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ސަރުކާރުން ކޯލިޝަން އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އިލްޔާސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަޕޯޓު ހޯދުމުގެ ގޮތުންވިއަސް އަދި ވޯޓު ހޯދުމުގެ ގޮތުންވިއަސް ދެފަރާތުން އެއްބަސްވެފައިވާ އަހުދުތަކާއި ވައުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ތެދުވެރި އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫންކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެފަދަ ސިފައަކީ މުނާފިގުންގެ ސިފަ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ މުޖުތަމައު "ފަސާދަ" ކުރުމަށް ކަމަށާއި ދިވެހި ރައްޔިތުން އެކަމާއި މެދު ވިސްނުމަށް އިލްޔާސް ވަނީ ގޮވާލާފައެވެ.
އިލްޔާސް މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންނަށް "ހައްގު މިންވަރު" ލިބިގެން ނުދަނީ ކޯލިޝަންގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި އެމްޑީޕީ ނޫން ބަޔަކަށް ވޯޓު ދިނުމަކީ ލަދުވެތި ކަމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިފަދައިން ވިދާޅުވެ ވާހަކަދައްކަވާފައި މިވަނީ "އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި އިއްޔެ އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ މްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށެވެ.