ދެހާސް ވިހިވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ މިންވަރާއި ގުޅޭ ގޮތުން އައްޑޫ ސިޓީގެ ރައްޔިތުންނާއި ކައުންސިލުން ބައްދަލުކުރުމަށް ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 2020ގެ ބަޖެޓަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުންތައް ބާއްވަން ކައުންސިލުން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ. މި ބައްދަލުވުން ބާއްވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ މީދޫ އަދި ހުޅުދޫ ރައްޔިތުންނާއެވެ. އަދި ހަމަ މިއަދުގެ ވަގުތެއްގައި މަރަދޫފޭދޫއާ ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މާދަމާ މަރަދޫ ރައްޔިތުންނާއި ފޭދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
މިއަހަރުގެ ބަޖެޓުގައި އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު މިންވަރެއް ކަނޑައަޅާފައި ވަނީވެސް އައްޑޫ ސިޓީއަށެވެ. އެގޮތުން އައްޑޫ ސިޓީއަށް 523 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން ވަނީ އަންނަ އަހަރު ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ކަންކަން ފަސް ދާއިރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.