އައްޑޫސިޓީ މަރަދޫ ފޭދޫގައި ހުންނަ ދަމަނަވެށިން ވަގަށް ނަގާފައިވާ ތައްގަނޑުތަކުގެ ތެރެއިން އެ އޮފީހުގެ ރަސްމީ ތައްގަނޑު ފަޅުރަށަކުން ފެނިއްޖެއެވެ.
އެ ތަތްގަނޑު ފެނިފައިވަނީ ގދ. ނަޑެއްލާ ކައިރީގައި އޮންނަ މާފުށި ކިޔާ ފަޅުރަށެއްގެ އުތުރުފަރާތު ގޮނޑުދޮށުންނެވެ. އެ ތައްގަނޑު ފެނިފައިވަނީ ނަޑެއްލާ ކައުންސިލްގައި މަސައްކަތްކުރާ މީހަކަށެވެ. އެ ފަޅުރަށަކީ އެމީހާގެ ނަން މަތީގައި އޮންނަ ފަޅު ރަށެކެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ތައްގަނޑު ފެނުނު ހަބަރު ލިބުމުން ނަޑައްލާ ކައުންސިލަށް ގުޅާ އެ ތަތްގަނޑު ނަޑެއްލާ ސިއްހީމަރުކަޒާ ހަވާލުކުރަން އެދިފައިވާނެ ކަމަށެވެ.
ފުލުުހުންގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން ވަގަށް ނަގާފައިވަނީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ބޭނުންކުރާ ތައްގަނޑަކާއި ރަސްމީ ލިޔެކިޔުންތަކެއް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫއެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިމިވަނީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.