Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާއްމުކޮށްފި

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އެޕާޓީން އާއްމުކޮށްފިއެވެ. 

އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އެޕާޓީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ހަތް މީހަކާއި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން މީހަކާއި ފުވައްމުލަކު ސިޓިގެ މޭޔަރު ކަމަށް ހަތަރު މީހަކު ވަނީ ކުރިމަތި ލާފައެވެ. މީގެ އިތުރުން މާލެ ކައުންސިލް ކަމަށް 42 މީހަކާއި އައްޑޫގެ ކައުންސިލަރު ކަމަށް 41 މީހުން ވަނީ ކުރިމަތިލާފައެވެ. އަދި ފުވައްމުލަކުން ކައުންސިލަރުކަމަށް 11 މީހަކު ވަނީ ކުރިމަތިލާފައެވެ. އަތޮޅު ކައުންސިލް ކަމަށް 53 މީހުން ކުރިމަތިލާފައި ވާއިރު ރަށު ކައުންސިލް މެންބަރުކަމާއި ރައީސް ކަމަށް ޖުމްލަ 1067 މީހުން ވަނީ ކުރިމަތިލާފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓު އާއްމުކުރިއިރު އެޕާޓީން އެންމެ ފަހުން ބުނީ ޕްރައިމަރީގައި ވާދަކުރުމަށް 1364 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ވެސް ބަންދުވެފައިވާއިރު، ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެކަމަށް އެމްޑީޕީއިން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.