ކޭޝްކާޑަކާޑެއް ވަގަށްނަގާ އޭޓީއެމް މެދުވެރިކޮށް އެ ކާޑުން ފައިސާ ނެގި މައްސަލާގައި 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގއ.ކަނޑުހުޅުދޫގައި ދުއްވާ ދޯންޏެއްގައި މަސައްކަތް ކުރާ މީހެއްގެ ދަބަސް ތެރޭގައި އޮތް ވޮލެޓަކުން ކޭޝް ކާޑެއް ވަގަށް ނަގައި އެ ކާޑު ބޭނުންކޮށްފައިވާ ކަމަށް ރޭ 9:08 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ގއ.ވިލިނގިލި ބޭންކް ޖެޓީ ކައިރިއަށް ޑިންގީއެއްގައި ކައިރިކުރި ވަގުތު ފުލުހުން އެމީހުން ހުއްޓުވާ ބަލާ ފާސްކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 5590 ރުފިޔާ ފެނިފައިވާ ކަމަށާއި އަދި ކޭޝްކާޑު މޫދުން ނަގާފައި ވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލާގައި ކާޑު ބޭނުންކޮށްގެން ނަގާފައި ވަނީ ޖުމްލަ 6000 ރުފިޔާއެވެ.
މި މައްސަލަ ފުލުުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.