Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މަރު ކޮމިޝަނާއި އެމްޑީޕީ މެންބަރުންނަށް ރިޔާޒުގެ ފާޑުކިޔުންތައް!

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު - ފޮޓޯ: މަޖިލިސް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ރިޕޯޓަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ފާޑުވިދާޅުވެއްޖެއެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފް" ޕްރޮގްރާމްގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރިޔާޒު ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓް މަޖިލީހަށް ލިބުމުން މަރު ކޮމިޝަންގެ މެންބަރުން 241 ކޮމިޓީއަށް ހާޒިރުކޮށް ކުރަން ބޭނުންވާ ސުވާލުތަކެއް ހުރިކަން އަންގާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް އެ ކޮމެޓީއަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމެޓީއެއްކަން ފާހަގަކުރައްވާ ރިޔާޒު ވަނީ އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އެމްޑީޕީ މެންބަރުން ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން 241 ކޮމެޓީގެ މަސައްކަތް އޭރު ދިޔަގޮތުން ރިޔާޒު ހުންނެވީ ހިތްހަމަނުޖެހިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ 241 ކޮމިޓީން އެކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން. ސުވާލުކުރެވިގެން އިތުރަށް ތަފުސީލުވާން ޖެހޭ ކަންތައްތަކެއް ރިޕޯޓުގައި އެބަހުރި،" ރިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ރިޔާޒު ހިމެނިވަޑައިގެންނެވި ނަމަވެސް މަރު ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ ރިޕޯޓް ދިރާސާކުރި ކޮމިޓީގެ ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ސަބަބަކީ ޑރ. އަފްރާޝީމް އަވަހަރާކޮށްލި އިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭނާ ހުންނެވުމާ ގުޅިގެންނާއި، މަރު ކޮމިޝަނުން ކުރިއަށް ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގަށް އޭނާ ބަޔާނެއް ދެއްވާފައިވާތީ މަސްލަހަތު ފުށުއެރުންތަކެއް ހުރުމުންނެވެ.

މަރު ކޮމިޝަނުން ރިޕޯޓްތަކެއް އެކުލަވާލުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އަދި މަރު ކޮމިޝަނަށް ދޮގު މައުލޫމާތު ދިންކަމުގައި ކުރީގެ އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށްވެސް ވަނީ ފޮނުވާފައެވެ.