Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

މަޖިލިސް އިންތިހާބުގައި މާލީ ބަޔާން ހުށަނާޅާ މައްސަލާގައި ޕީޖީއާ ފުލުހުންނާއި މަޝްވަރާކޮށްފި

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ މައްސަލަތަކާއި ގުޅޭ ގޮތުން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އާ އެކުގައި އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ މައްސަލައާ އިންތިހާބު ތެރޭގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކާއި ގުޅޭ ގޮތުން ފުލުހުންނާއި ޕީޖީއާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަކްރަމް ހާމައެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.
އިންތިޚާބުން ބަލިވިއަސް އަދި އިންތިޚާބުން މޮޅުވި ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ ކެނޑިޑޭޓެއްގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް 30 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.