ހިމަބިހިން ރައްކާތެރިވުމަށް އެމް.އާރް ވެކްސިން ނުޖަހާ ކުޑަކުއްޖަކު ހުރެއްޖެ ކަމަށްވާ ނަމަ ވީ އެންމެ އަވަހަކަށް އެ ވެކްސިން ޖެހުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު އާއްމުންނަށް ފޮނުވާފައިވާ އެސްއެމްއެސް އެއްގައި ބުނެފައިވަނީ 9 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންގެ ތެރެއިން އެމްއާރް ވެކްސިން ނުޖަހާ ކުދިން އެ ވެކްސިން ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް އަނެއްކާވެސް ރާއްޖޭގައި ހިމަބިހި އަންނަނީ ފެތުރެމުންނެވެ. އޭގެތެރެއިން ތިން މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ.
9 މަހާއި 18 މަހާއި ދެމެދުގެ ތުއްތު ކުދިންގެ ތެރެއިން އެމްއާރް ވެކްސިން ނުޖަހާ ކުދިން އެ ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައިވާއިރު ވެކްސިން ނުޖަހާ ތިބި ކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ފެތުރެމުން އަންނަ ހިމަބިއްސާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ ހުރި ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަނންނަ ކަމަށެވެ.
"މިހާރު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ދަފްތަރު މި ކުރަނީ ގަސްތުގައި ވިޔަސް އޮޅިގެން ވިޔަސް 18 އަހަރުން ދަށުގެ ވެކްސިން ނުޖަހާ މީހުންނަކީ ކޮބައިތޯ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެ މަސައްކަތް 24 ގަޑިއިރުތެރޭ ނިންމުމަށް އަމާޒު ހިފި ނަމަވެސް އެކަން ކާމިޔާބުނުވި ކަމަށާއި އުއްމީދަކީ މި ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލުން ކަމަށެވެ.
މިހާތަނަށް 48 ރަށެއްގައި މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި ހުރިހާ ރަށެއްގެ މައުލޫމާތުތައް ލިބުމާއެކު ރަށްރަށުގައި ތިބި ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިހާރުވެސް 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން އަވަހަށް ވެކްސިން ފުރިހަމަކުރުމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.