Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މީހުންނަށް ބޮޑު އަދަބެއް ދޭންޖެހޭ

ކުރީގެ ރައީސް މައުމޫން -- ފޮޓޯ / ސަން

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި އެކަން ކުރި ފަރާތްތަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ދާދިފަހުން ފެންމަތިވުމާއި ގުޅިގެން ނެވެ. އެކަމާއި ގުޅިުގެން ކުރި ޓުވީޓުގައި މައުމޫން ވިދާޅުވެފައިވަނީ، އެއީ ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް ކަމަށާއި، އެކަން ކުރި ބަޔަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަންވަނީ ފަށާފަ އެވެ. ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކަކަށް ވާތީ އަނިޔާ ލިބޭ ފަރާތްތަކުގެ ވަނަވަރާއި ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަކުރަން ފުލުހުން ވަނީ ނިންމާފައެވެ.