Last Updated: June 9, 09:23
Tuesday, June 9, 2026
ޚަބަރު

ސީޕްލޭން ޓާމިނަލާ ބެހޭގޮތުން ޔައުގޫބް ދެއްކެވި ވާހަކަތައް އެމްއޭސީއެލުން ދޮގުކޮށްފި!

އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް -- ފޮޓޯ / އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ތަރައްގީ ކުރަމުން އަންނަ ސީޕްލޭން ޓާމިނަލާ ބެހޭގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ދެއްކެވި ވާހަކަތައް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ދޮގުކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ، އެންމެ މީހަކު ދައްކާ ވާހަކަތަކަށް ބިނާކޮށް މީޑިއާއިން ހަބަރުތައް ގެނެސްދޭތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި މީގެ ކުރިން ހާމަކުރި ފަދައިން ސީޕްލޭން ޓާމިނަލް ވަކި ފަރާތަކަށް ދޭން ނުނިންމާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން މިހެން ބުނީ، ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވްސް އެއާލައިނަށް ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ޔައުގޫބް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޔައުގޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އަށް ހަވާލުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އެކުލެވިގެންވާ ނަމަ އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީން އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

މި މަހުގެ އެއްވަނަ ދުވަހު އެމްއޭސީއެލްއިން ވަނީ ސީޕްލޭން ޓާމިނަލް ކަންތައް ބޮޑުވެ އެކަމާއި ގުޅިގެން ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެމްއޭސީއެލްއިން ބުނީ އާ ސީޕްލޭން ޓާމިނަލްގެ ޖާތައް ކުއްޔަށްދިނުން އެމްއޭސީއެލްއިން ވަނީ މަޑުޖައްސާލާފައެވެ. ބުނެފައި ވަނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވާ ކަމަށެވެ.