Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ޔުނައިޓެޑްގެ ކެޕްޓަންކަން މެގުއާ އަށް

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަންކަން އެޓީމުގެ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އަށް ދިނުމަށް ނިންމައިފިއެވެ.

ޔުނައިޓެޑްގެ ކެޕްޓަންކަން މިހާތަނަށް ކުރަމުން އައީ އޭޝްލީ ޔަންގް އެވެ. ނަމަވެސް ޔުނައިޓެޑް ދޫކޮށްލުމަށްފަހު ޔަންގް އިއްޔެ ވަނީ އިޓަލީގެ އިންޓަ މިލާނަށް ބަދަލުވެފައެވެ.

އުމުރުން 26 އަހަރުގެ މެގުއާ ޔުނައިޓެޑާ ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ލެސްޓަ ސިޓީން 80 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް 29 މެޗު ކުޅެދީފައެވެ.

"ލީޑަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް މެގުއާގެ ގައިގައި އެބަހުރި. ކެޕްޓަންކަން ދެން އަދާކުރާނީ މެގުއާ" ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުންޏެވެ.

ޔަންގް ނުކުޅޭ މެޗުތަކުގައި ޔުނައިޓެޑްގެ ކެޕްޓަންކަން މި ސީޒަނުގައި މާކަސް ރަޝްފޯޑް އާއި ގޯލްކީޕަރު ޑޭވިޑް ޑެހެޔާގެ އިތުރުން ޖެސީ ލިންގާޑް ވެސް މި ސީޒަނުގައި އަދާކޮށްފައިވެއެވެ.