Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ޖިންސީ އަނިޔާ ލިބުނު ކުޑަ ކުއްޖާ މާލެގެނެސް އެޑްމިޓުކޮށްފި

އައިޖީއެމްއެޗް ހޮސްޕިޓަލް، ފޮޓޯ: އަވަސް

ކަނޑުހުޅުދޫގައި ޖިންސީ އަނިޔާ ލިބުނު ތުއްތު ކުއްޖާ މާލެ ގެނެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ބެލުމަށެވެ. މިކަމަާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ދެނެގަތުމަށްޓަކައި ރޭ 20:30 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވާކަމަށެވެ.

ދެ އަހަރުން ދަށުގެ ކުއްޖާއަށް ޖިންސީ އަނިޔާކުރިކަމަށް ތުޙުމަތު ކުރެވޭ ކުއްޖާގެ ބައްޕައާއި، ބައްފަ ފަރާތު ކާފައާއި މުނިކާފަވެސް ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ބައްފަ ފަރާތު 62 އަހަރުގެ ކާފައާއި، 82 އަހަރުގެ މުނިކާފަ ކޯޓު އަމުރަކާއެކު ހައްޔަަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި މިކަން ފެންމަތިވުމާއެކު 33 އަހަރުގެ ބައްޕަ ރަށުން ފިލައިގެންގޮސް ހުޅުމާލޭގައި ހުއްޓާ، ރޭ 19:70 ހާއިރު ވަނީ ހައްޔަރުކޮށްފައެވެ.

އެކުއްޖާގެ ކާފައާއި މުނިކާފަ މާލެ ގެނެސް ދޫނިދޫގައިވަނީ ބަންދު ކޮށްފައެވެ. އަދި މިދެ މީހުންނަށްވަނީ ގެމަނަފުށީ ކޯޓަށް ގެންގޮސް 15 ދުވަހުގެ ބަންދެއް ޖަހާފައެވެ.