Last Updated: June 9, 09:22
Tuesday, June 9, 2026
ޚަބަރު

ސިފައިންގެ ދެމީހަކު ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ ނުބަލާތާ 6 މަސް!

ރޭޕްއާއި ދެކޮޅަށް ތައްޔާރު ކުރެވިފައިވާ ޕޯސްޓަރެއް - ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

ސިފައިންގެ ދެ މީހަކުވެގެން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް 6 މަސް ވެގެން ދިޔައިރުވެސް ނުބަލާ އޮތްކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ ދެއަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި މައްސަލައާ ގުޅިގެން ރޭ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ސިފައިންގެ ދެ މީހަކު 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށާއި، މި މައްސަލައިގެ އަޕްޑޭޓެއް ހޯދުމަށް ހުދު އޭނާ ވެސް ޕޮލިހަށް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިނުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ 15 އަހަރުގެ އެކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން ކިޔައިދޭން އެނގޭ އިރުވެސް، އެކަން ކުރި ދެ ސިފައިންނަށް ފިޔަވަޅު ނޭޅި އަދިވެސް ސިފައިންގެ ވަޒީފާ އަދާކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.