Last Updated: June 9, 09:23
Tuesday, June 9, 2026
ޚަބަރު

ރޭގެ ހަމަނުޖެހުމުގައި ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތު!

ރޭޕްކުރި ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ހައްޔަރު ކުރަން ގޮވާލާ އިއްޔެ ހުޅުމާލޭގައި މުޒާހަރާ ކުރި ސަރަހައްދުގައި ހުރި އަންހެނަކަށް ފުލުހުން އަނިޔާކޮށްފި އެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯތަކުން ފެނިގެންދަނީ، އަންހެން މީހާއަށް ފުލުހުން އަނިޔާ ކުރުމުން އޭނާގެ އަނގަމަތި ފަޅައިގެން ގޮސް ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބަމުންދާ މަންޒަރެވެ.

މިކަމާއި ގުޅިގެން އަނިޔާ ލިބުނު އަންހެން މީހާގެ ދަރިފުޅު ކުރި ފޭސްބުކް ޕޯސްޓެއްގައު ބުނެފައިވަނީ، އޭނާގެ މަންމަ ހުރީ އިއްޔެ ހުޅުމާލޭގައި ހިނގާދިޔަ ކަންކަމުގެ މަންޒަރު ބަލާލުމަށް ގޭގެ ދޮރުމަތީގައި ކަމަށެވެ. އަދި ގެ ދޮރުމަތީގައި ހުއްޓާ ފުލުހުންގެ މީހަކު ހުރިހާ އެންމެން ގެއަށް ވަދޭ މިހެން ބުނަމުން އައި ކަމަށާއި އެވަގުތު އޭނާގެ މަންމަ ދޮރުމަތީގައި ހުރުމުން އޭނާގެ މަންމަގެ މޫނުގައި ފުލުސް މީހާ ޖެހި ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އޭނާ ބުނީ އޭނާގެ މަންމައަކީ ކުށްވެރިއެއް ނޫން ކަމަށާއި އަދި މީހުން ރޭޕް ކުރާ މީހެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް އެފަދަ ނުބައި ނުލަފާ އަމަލުކޮށްފައިވާ މީހަކު ފުލުހުން ހައްޔަރު ކޮށްގެން ދިޔައީ ފުލުހުންގެ ވެސްޓު އެޅުވުމަށްފަހު އަދި ހެލްމެޓެއްވެސް ބޮލުގައި އެޅުވުމަށްފަހު ކަމަށެވެ. ނަމަވެސް އާއްމު ރައްޔިތު މީހާއާ މެދު ފުލުހުން ކަންކުރީ އެހެން ނޫން ކަމަށް ބުނެ ފުލުހުންގެ އެ އަމަލު އޭނާ ވަނީ ކުށްވެރިކޮށް ފާޑު ކިޔާފައެވެ.

ދެއަހަރު ނުފުރޭ ތުއްތު ކުޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރާ އެކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ގޮވާލާ އޭނާ ހުރި ފްލެޓު ދޮށަށް އެއްވެ ހަމަނުޖެހުން ހިންގި ކަމަށްބުނެ ފުލުހުން ރޭ ވަނީ 27 މީހަކު ހައްޔަރުކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް މީހުން މިއަދު ވަނީ ކޮށްލާފައެވެ. އެގޮތުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ 19 މީހެކެވެ.