Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

މީދޫ މަސްޖިދުލް ޒައިނުލް އާބިދީން ހުޅުވައިފި

މަސްޖިދުލް ޒައިނުލް އާބިދީން އާ މިސްކިތް. ފޮޓޯ: ވީއޯއެމް

ސ. މީދޫ ގެ ކުންފުންޏަކުން ބިނާ ކުރި މަސްޖިދުލް ޒައިނުލް އާބިދީންގައި ނަމާދު ކުރަން ފަށައިފި އެވެ.

މަލްޓިކޯ ޕްރައިވެޓް ލިމިޓެޑުން ކުރިން ހުރި ކުޑަ މިސްކިތް ތަޅާލައި އަލަށް އިމާރާތް ކުރި މިސްކިތުގައި ގާތްގަޑަކަށް 70 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް މަލްޓިކޯ އިން ބުނެ އެވެ.

ކުރިން 15 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭ ކުޑަ މިސްކިތް ތަޅާލައި އާ އިމާރާތެއް އެޅި އިރު އަދި މިސްކިތުގެ ހުރިހާ މަސައްކަތެއް މުޅިން ނުނިމެ އެވެ.
ނަމަވެސް މިސްކިތުގެ އެތެރެ ނިމި ނަމާދު ކުރެވެ ވަރު ވުމުން ރޯދަ މަހު މިސްކިތް ހުޅުވީ ކަމަށް މަލްޓިކޯއިން ބުނެ އެވެ.

ޒައިނުލް ޢަބިދީންގެ އާ އިމާރާތުގައި ނަމާދު ކުރަން ފެށި އިރު ހިތަދޫ "ބޯ އަނބަރާ" މިސްކިތް ވެސް ވަނީ ދީލަތި ފަރާތްތަކުގެ އެހީގައި އަލުން ބިނާކޮށް ރޯދަ އަށް ނަމާދު ކުރަން ފަށާފަ އެވެ.

މިސްކިތު ފަންޑު ހުސްވެ ސަރުކާރު އިނދަޖެހި މިސްކިތްތައް މަރާމާތު ނުކުރެވި ހުރުމުން ކައުންސިލުން ވަނީ މިސްކިތް މަރާމާތު ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަަކަށް އެފުރުސަތު ހުޅުވާލާފަ އެވެ.

އެހެންވެ ހެޔޮ އެދޭ ފަރާތަކުން ވަނީ އައްޑޫގެ ބައެއް މިސްކިތްތައް މަރާމާތުކޮށް ދީފަ އެވެ.