ދެއަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހިމެނޭ، އެ ކުއްޖާގެ މުނިކާފަގެ ޖިންސީ ގޯނާގެ މައްސަލައެއް ކޯޓުގައި މިހާރުވެސް އެބައޮތް ކަމަށް ފުލުހުން ބުނެފިއެވެ.
ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ ހާދިސާ އާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި އެކުއްޖާގެ މުނިކާފަ 82، މީހާ ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2018ވަނަ އަހަރު ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ފުލުހުން މައްސަލަ ތަހުގީގުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މައްސަލަ ޕްރޮސެކިޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާކަމަށެވެ.
އެ މީހާގެ މައްސަލަ ބަލާފައިވަނީ އެ މީހާ ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމެއް ނެތިއެވެ. އެގޮތަށް ކަންތައްކޮށްފައި ވަނީ މީހާގެ އުމުރަށް ބަލައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަންނާނު ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހު އެ މައްސަލާގައި އަޑުއެހުމެއް ވެސް ބާއްވާފައިވާ ކަމަށެވެ.
މުނިކާފަ ދަރުފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 82އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ މެންދުރުއެވެ. މި މީހާ ބަންދުކޮށްފައިވަނީ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައެވެ. އަދި އިތުރު ތަހުގީގަށް އެ މީހާ މިހާރުވަނީ މާލެ ގެނެސްފައެވެ.