ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުމުގެ މަސައްކަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.
އެގޮތުން 28 އަހަރަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު މަޖިލީހުން ފާސްކޮށް މިހާރު ވަނީ ތަސްދީގުކުރައްވާފައިކަން ފާހަގަކޮށް މަޖިލީހުން ބުނީ ކުޑަކުދިންނާގުޅޭ އެފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރު ނުވާ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ރައްޔަތުންގެ މަޖިލީހުގެ ސަމާލުކަމަށް އައުމާގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.
އެގޮތުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމާފައި ވަނީ، ކަމާގުޅޭ މައުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ކްރިމިނަލް ކޯޓަށާއި، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށާއި، މޯލްޑިވްސް ޕޮލިސް ސާވިސާ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށެވެ.
މީގެ އިތުރުން، މިރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގައި، މިނިސްޓާ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާއި، ކްރިމިނަލް ކޯޓުގެ ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ އިސްވެރިން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން އަދި ގއ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށް ވެސް ކޮމެޓީން ވަނީ ނިންމާފައެވެ.