Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ފަހު ވަގުތު ނިއުކާސަލް އިން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން 1-0 އިން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ 39 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ނިއުކާސަލް އޮތީ 29 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު މެޗުގެ ލީޑު ނަގަން ޗެލްސީ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެންގޯލޯ ކަންޓޭ ފޮނުވާލި ހަމަލާއެއް ނިއުކާސަލްގެ ކީޕަރު ދިފާއުކުރިއިރު ޓެމީ އަބްރަހަމް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން ނިއުކާސަލްގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފައެވެ.

މީގެއިތުރުން ވިލިއަން އަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނުއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ނިއުކާސަލް އަށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އިސާކް ހޭޑެންއެވެ. މިއީ ގޯލާ އަމާޒުކޮށް ނިއުކާސަލް އިން މުޅި މެޗުގައި ވެސް ފޮނުވާލި ދެވަނަ ހަމަލާއިން ކާމިޔާބުކުރި ގޯލެކެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ޓޮޓެންހަމް އާއި ވޮޓްފޯޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ފަހަތުން އަރައި ވުލްވްސް އިން ވަނީ 2-3 އިން ސައުތްހެމްޓަން ބަލިކޮށްފައެވެ.