Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

ހިލޭ ޑިގްރީއަށް ކިޔަވާ ކުދިންގެ ފައިސާ ލިބުމުގައި ދަތިތަކެއް!

ހިލޭ ޑިގްރީ އަށް ކިޔަވާ ދަރިވަރުންގެ ކޯސް ފީ އަށް ވާ ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާ ދަރިވަރުން ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯސް ފީގެ ފައިސާ ހޯދުމަށް ދަރިވަރުން ހުށަހެޅުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރީން ވަނީ މިވަގުތު ފައިސާ ދޫކުރެވެން ނެތް ކަމަށް ދަރިވަރުންނަށް އަންގާފައެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ޑިގްރީއަށް ކިޔަވާ ދަރިަވަރަކު ބުނީ ކޯސް ފީގެ ބާކީ ހޯދުމަށް ހުށަހެޅުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިވަގުތު ފައިސާ ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑަށް އެންގީ އަމިއްލައަށް ފައިސާ ދެއްކުމަށްފަހު ރީފަންޑަށް ހުށަހަޅަން، އެކަމަކު ކޮންތާކުން ރިފަންޑަށް ހުށަހަޅަންވެސް ފައިސާ ހޯދާނީ" އައްޑޫލައިވް އާއި ވާހަކަ ދެއްކި ދަރިވަރު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ދަރިވަރުންގެ ކޯސް ފީއަށް ފައިސާ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދަރިވަރުންނަށް ދެވޭނެކަމަށް މިނިސްޓްރީން ވަނީ ފައިސާ ހޯދުމަށް އެދެމުންދާ ދަރިވަރުންނަށް އަންގާފައެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނެފައިވަނީ ހިލޭ ޑިގްރީއަށް ކިޔަވަން މިހާތަނަށް 5000 އަށް ވުރެ ގިނަ ދަރިވަރުން ހުށަހަޅާފައިވާ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހު ވަނީ ކޯސް ފީއަށްވާ ފައިސާ ދަރިވަރުންގެ ބޭންކު އެކައުންޓަށް ޖަމާކޮށްދޭން ނިންމާފައެވެ. މިނިސްޓްރީން ބުނީ އެގޮތަށް ބަދަލު ގެނައީ އެކަމުން ދަރިވަރުންނަށް ފަސޭހަތަކެއް ހޯދައި ދިނުމަށް ކަމަށެވެ.