Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ގއ. އަތޮޅުގެ ސެންޓަރުގައި މުވައްޒަފަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސް!

ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ -- ފޮޓޯ / މަޖިލިސް

ޖެންޑާ މިނިސްޓްރީގެ އަތޮޅުތެރޭގެ ސެންޓަރުތައް ހުރީ އެންމެ އެކަށީގެންވާ ހިދުމަތް ދެވޭ ހާލަތެއްގައި ނޫން ކަމަށާއި ގއ. އަތޮޅުގެ ސެންޓަރުގައި ވެސް މުވައްޒަފަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ގއ. އަތޮޅުގެ ސެންޓަރަށް މުވައްޒަފަކު ހޯދުމުގެ މަސައްކަތްކުރާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ.

އޭގެ އެއް މިސާލު ގއ. ސެންޓަރުގައި އެއްވެސް މުވައްޒަފަކު ނެތް. އަހަރެއްހާ ދުވަސްވެއްޖެ މުވައްޒަފަކު ހޯދުމުގެ މަސައްކަތްކުރާތާ. މިކަހަލަ ބައެއް ހާލަތްތަކުގައި ސިވިލް ސާވިސްގެ ޕްރޮސީޖާ އޮންނަ ގޮތުން އަޅުގަނޑުމެންނަށް ގޮންޖެހުންތައް ހުރޭ. އެމަޖެންސީ ހާލަތްތަކުގައި އެޖެސްޓްކުރަން ޖެހޭ ކަންކަން އެޖެސްޓް ކުރުމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ވަރަށް މުހިންމު ދިމަދިމާއަށް މުވައްޒަފުން ނެގުމުގެ މައްސަލަތައް އުޅޭ ކަމަށެވެ. އަދި އަބަދުވެސް ޖެންޑާ މިނިސްޓްރީއަށް ލިބެނީ ވަރަށް ކުޑަ ބަޖެޓެއް ކަމަށާއި ނަމަވެސް މިއަހަރު ކުރިއާ އަޅާބަލާއިރު ރަނގަޅު ބަޖެޓެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝިދާތާ އިތުރަށް ވިދާޅުވީ މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންނާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުން، އެއިން ކޮންމެ ސޯޝަލް ވޯކަރަކީ 50 ނުވަތަ 60 ވަރަކަށް މައްސަލަ ބަލަމުން އަންނަ ސޯޝަލް ވޯކަރުން ކަމަށެވެ. އެހެންނަމަވެސް ކޮންމެ މައްސަލައެއް ވެސް ފެންމަތިވާއިރު ހިދުމަތް ފޯރުކޮށްދޭން ޖެހޭ ހުރިހާ ފަރާތްތަކަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެ ފުލުހުންނާއި ޖެންޑާއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ. އެއީ ކުއްޖާގެ ބައްޕައާ ކާފަ އަދި މުނިކާފައެވެ. ކުއްޖާގެ ބައްޕައަށް ތުހުމަތު ކުރަނީ އިހުމާލުވުމުގެ މައްސަލައެވެ.