Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި ޖެންޑާ ކޮމެޓީން މިއަދު ގޮތެއް ނިންމަނީ

ރޭ މަޖިލީހުގައި ބޭއްވި ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން : ފޮޓޯ / މަޖިލިސް

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ދިރާސާ ކުރަމުން އަންނަ ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމެޓީން އެ މައްސަލަ މިއަދު ދިރާސާކޮށް ނިންމާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު މީޑީއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ އުމުރުން 2 އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކުރެއްވުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ގޮތެއް ނިންމަވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށެވެ. އަދި އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަންފީޒު ކުރައްވާނެ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

ޖެންޑާ ކޮމެޓީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއާ އަދި ރޭވެސް އެ ކޮމެޓީގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. ރޭގެ ބައްދަލުވުމުގައި އެ ކޮމެޓީއަށް ވަނީ ޖެންޑާ މިނިސްޓްރީއާ ފުލުހުންނާއި ކްރިމިނަލް ކޯޓާއި ކަނޑުހުޅުދޫ ކައުންސިލާއި އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެ ފުލުހުންނާއި ޖެންޑާއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން މީހެކެވެ. އެއީ ކުއްޖާގެ ބައްޕައާ ކާފަ އަދި މުނިކާފައެވެ. ކުއްޖާގެ ބައްޕައަށް ތުހުމަތު ކުރަނީ އިހުމާލުވުމުގެ މައްސަލައެވެ.