Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދައުލަތާއި ދެކޮޅަށް މިދިޔަ އަހަރު 226 މައްސަލައެއް ކޯޓުތަކަށް ހުށަހެޅުނު

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ދައުލަތާއި ދެކޮޅަށް 226 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވެއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިއަ އަހަރު ދައުލަތާ ދެކޮޅަށް 226 މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރު، ދައުލަތުން އިސްވެ ދައުވާ ކުރީ 158 މައްސަލާގައެވެ.

އޭޖީ އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ވަނަ އަހަރު ދައުލަތަށް ރައްދުވި މައްސަލަތަކަށް ވުރެ، ދައުލަތުން ދައުވާ ކުރި މައްސަލަތައް ގިނައެވެ. އެގޮތުން އެ އަހަރު ދައުލަތުން އެކި މީހުންނަށާއި ކުންފުނިތަކަށް ދައުވާ ކުރި މައްސަލަތަކުގެ އަދަދު 429އަށް އަރައެވެ.

މިދިޔަ އަހަރު ދައުލަތަށް ދައުވާ ރައްދުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ވަޒީފާއާ ގުޅޭ 60 މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވެއެވެ.

މިދިޔަ އަހަރު އޭޖީ އޮފީހުގެ ދައުލަތުގެ އިދާރާތަކަށް ރައްދުވި ދައުވާތަކުގެ ތެރެއިން އެންމެ ގިނައިން އޭޖީ އޮފީހުގެ ވަކީލުން ކޯޓުގައި ވަކާލާތު ކުރަންޖެހުނީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައެވެ. އެގޮތުން ފުލުހުންނާ ދެކޮޅަށް، ދައުލަތަށް ރައްދުވާ ގޮތަށް 43 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ހައުސިން މިނިސްޓްރީއާ ދެކޮޅަށް ވެސް 26 މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ.