ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕައަކީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒުއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް ރިޔާޒު ދޮގު ކުރައްވައިފިއެވެ.
ރިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ކުއްޖާގެ ބައްޕަ ހައްޔަރު ކުރުމުގައި ފުލުހުން ލަސްކުރި ކަމަށްބުނެ މީސް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެމުންނެވެ. ރިޔާޒު ވަނީ އޭނާއާ ގުޅޭ ގޮތުން ދައްކަމުން ގެންދާ އެ ވާހަކަތައް ދޮގު ކުރައްވާ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ.
ބައެއް ފަރާތްތަކުން ބުނަމުން ދަނީ ކުއްޖާގެ ބައްޕައަކީ އޭސީޕީ ރިޔާޒުގެ ކުޑައިރުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އެހެންނަމަވެސް ފޭސްބުކް ޕޯސްޓުގައި ރިޔާޒު ވަނީ އެކަންވެސް ދޮގު ކުރއްވާފައެވެ. އެގޮތުން ކުއްޖާގެ ބައްޕައާ ރިޔާޒްއާ އެއްވެސް ގުޅުމެއް އެއްވެސް އިރެއްގައި ނޯންނާނެ ކަމަށާއި އެމީހާއަށް ހިމާޔަތް ދިނުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން ގެންދަނީ އޭނާ މަސައްކަތް ކުރައްވާ ދާއިރާގެ ސަބަބުން ކަމަށެވެ. އަދި މީގެކުރިން އެ ތުހުމަތުތަކަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވީ ވެސް އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމުގައި އެންމެ ފަހުން އެއްޗެއް ވިދާޅުވާން ޖެހުނީ އެ ވާހަކަތަކުގެ ސަބަބުން ރިޔާޒުގެ އާއިލާއަށް ކުރިމަތިވެދާނެ ހިތާމައާ ނުރައްކަލުގެ ސަބަބުން ކަމަށާއި އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ.
ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި، ހައްޔަރުކޮށްފައިވާ މީހުންނަކީ އެކުއްޖާގެ ބައްޕައާ ކުއްޖާގެ ކާފަ އަދި މުނިކާފައެވެ. ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ.