Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އެއިމްސްގެ ފިޒިއޯ އަދި ރިހެބް ސެންޓަރ ހުޅުވައިފި

ސ. ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސް ސެންޓަރގެ ފިޒިއޯ އަދި ރިހެބް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހަވީރު އެއިމްސް ޑައިގްނޯސްޓިކް ސެންޓަރގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޒިއޯ އަދި ރިހެބް ސެންޓަރ ހުޅުވައިދެއްވީ އެއިމްސްގެ ޑިރެކްޓަރ އަބްދުﷲ ނައީމްއެވެ.

އެއިމްސް ޑައިގްނޯސް ސެންޓަރުން ބުނީ މިއަދު އަލަށް ހުޅުވި ފިޒިއޯ އަދި ރިހެބް ސެންޓަރުން އާ ހިދްމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ސްޕޯޓްސް އިންޖަރީ ރިހިބިލިޓޭޝަން އަދި ނިއުރޯ އަދި ސްޓްރީކް ރިހިބިލިޓޭޝަންގެ އިތުރުން ކާޑިއެކް ރިހިބިލިޓޭޝަން އާއި އާތްރައިޓިސް އަދި އިލެކްޓްރޯތެރަޕީ ފަދަ ހިދްމަތް ފޯރުކޮށްދެވޭނެއެވެ.

ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި އެކު ފޭދޫގައި ހިދްމަތް ދެމުން އަންނަ އެއިމްސްއިން ވަނީ މިދިޔަ އަހަރުން ފެށިގެން އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން ޓެލެ މެޑިސިންގެ ހިދްމަތް ތައާރަފުކޮށްފައެވެ. މި ހިދްމަތާއި އެކު އެޕޯލޯގެ ސުޕަ ސްޕެޝަލިސްޓުންނަށް ދައްކައި ފަރުވާ ދެމުން އަންނަ އިރު މި ހިދްމަތަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

އެެއިމްސްގެ ހިދްމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އިއްޔެ ހުޅުމީދޫގައި ވަނީ އެއިމްސްގެ ކްލިނިކެއް ހުޅުވާފައެވެ. މި ކްލިނިކުގައި 24 ގަޑިއިރު އޮން ކޯލްގައި ޑޮކްޓަރުން ތިއްބަވާއިރު ލެބް ޓެސްޓުތައް ހެދުމަށް ސާމްޕަލް ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އަދި ހަފްތާގެ ކޮންމެ ދުވަހަކު ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުން އެ ކްލިނިކުގައި މަސައްކަތް ކުރައްވާނެ ކަމަށް އެއިމްސް އިން ހާމަކުރެއެވެ.