Last Updated: April 20, 16:27
Saturday, April 20, 2024
ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ލިވަޕޫލަށް 16 ޕޮއިންޓްގެ ލީޑެއް

2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 64 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 48 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 45 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ. ރޭގެ މެޗުން ބަލިވި ޔުނައިޓެޑް އޮތީ 34 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑާރު ވާޖިލް ވެންޑައިކް އެވެ. މި ގޯލަށްފަހު ވެސް ލިވަޕޫލުން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެގޮތުން ހެންޑަސަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު މުހައްމަދު ސަލާހަށް ވެސް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަތީޖާ އެއްވަރުކޮށްލަން ދެވަނަ ހާފްގެ ކުރީކޮޅު އެންތޮނީ މާޝިއަލް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ލިވަޕޫލުން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ސަލާހުއެވެ. މިއީ ލިވަޕޫލަށް ބަދަލުވިފަހުން ސަލާހު ޔުނައިޓެޑް ކޮޅަށް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލުން 16 ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު އެޓީމު އަދި ލީގުގައި މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.