Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

މެސީގެ ގޯލުން ބާސާ އަލުން އެއްވަނަ އަށް

ގްރެނާޑާގެ މައްޗަށް 1-0 އިން ކުރި ހޯދާ ސްޕެނިޝް ލީގުގެ އެއްވަނަ އަށް ބާސެލޯނާ އަލުން އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 43 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗަކީ އެޓީމުގެ އާ ކޯޗު ކީކޭ ސެޓިއެންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. ބާސާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެޓީމުން ތަނަވަސްކޮށްފައިވެއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މެޗުގެ 69 ވަނަ މިނެޓްގައި ގްރަނާޑާގެ ކުޅުންތެރިއަކަށް ދެއްކި ރަތްކާޑަކާ ގުޅިގެން އެޓީމުން މެޗުގެ ފަހު 20 މިނެޓް ފުރިހަމަކޮށްފައިވަނީ 10 ކުޅުންތެރިންނާ އެކުއެވެ. އެގޮތުން ބާސާ އިން ގޯލު ކާމިޔާބުކޮށްފައިވަނީ ގްރަނާޑާގެ ކުޅުންތެރިއާ އަށް ރަތްކާޑު ދެއްކިތާ ހަތް މިނެޓްފަހުންނެވެ.

އެގޮތުން މެޗުގެ 76 ވަނަ މިނެޓްގައި މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މިއީ ލީގުގައި މެސީ ކާމިޔާބުކުރި 14 ވަނަ ގޯލެވެ.

ސްޕެނިޝް ލީގުގައި ބާސާ ދެންް ބައްދަލުކުރާނީ ވެލެންސިއާ އެވެ.