ކުޑަކުދިންނަށް ގޯނާކޮށްގެން ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅޭ މައްސަލަތަކުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިހުމާލުތަކެއް ހުރިކަން އޮޑިޓާ ޖެނެރަލް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓަކުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެކުލަވާލި މި ރިޕޯޓުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފުލިފައި ނުވާކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެގޮތުން ފުލުހުންނަށް ހުށަހަޅޭ މިފަދަ މައްސަލަތަކުގެ ތަހުގީގުތަކަކީ ވަރަށް އަވަސް މިނެއްގައި ނިންމަންޖެހޭ ތަހުގީގުތަކެއް ކަމަށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ ސްޓޭންޑާސް އޮޕަރޭޓިން ޕްރޮސީޖާގައި ބަޔާންކޮށްފައިވާއިރު ވެސް އެފަދަ މައްސަލަތައް ތަހުގީގުކޮށް ނިންމުމުގައި އަހަރުތަކެއް ނަގަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.
ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ ސްޓޭންޑާސް އޮޕަރޭޓިން ޕްރޮސީޖާގައި ކުޑަކުދިންނަށް ގޯނާ ކޮށްގެން ހުށަހަޅާ މައްސަލަތައް 10 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން ތަހުގީގު ކުރަމުން ގެންގޮސްފައިވާ މައްސަލަތައް ނިންމުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާކަން އޮޑިޓު ރިޕޯޓުން ވަނީ ފާހަގަވެފައެވެ. އެގޮތުން ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށްވުރެ ގިނަ ދުވަސް ނަގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ ޕާފޯމަންސް އޮޑިޓުގައި ބުނެފައިވެއެވެ.
ފުލުހުންގެ އިހުމާލު މިކަމުގައި އޮތް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވާއިރު ދެން އެންމެ ބޮޑު އިހުމާލެއް ވެފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ފާހަގަވެފައި ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ދައުލަތުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައެވެ.
އެގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކޮންމެ ކުއްޖަކުވެސް އެކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މި އޮޑިޓުގައި ބަލާފައިވާ 50 ސާމްޕަލްގެ ތެރެއިން 49 ސާމްޕަލްގައި ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރުކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި އޭގެތެރެއިން އެއް ސާމްޕަލްގައި ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރުކޮށްފައިވީ ނަމަވެސް އެ ޕްލޭނަކީ މީގެ 8 އަހަރު ކުރިން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވުނުއިރު ލިޔެފައިވާ ޕްލޭނެއް ކަމަށާއި އެކުއްޖާގެ އުމުރާއި ގުޅިގެން އެ ޕްލޭނެއް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ދައުލަތުގެ ބެލުމުގައި ދަށުގައި ތިބޭ ކުދިންނަށް ބަލިވެގެން ބޭހެއް ދީފި ކަމަށްވާނަމަ އެ ބޭހެއް ދިނީ ކީއްވެގެންކަން ރެކޯޑު ކޮށްފައި އޮންނަން ޖެހޭނެ ކަމަށް ބަޔާން ކުރެއެވެ. އެހެންނަމަވެސް އޮޑިޓު ސާމްޕަލްގެ ގޮތުގައި ބެލި މެޑިކަލް ފައިލެއްގައި ކުއްޖާއަށް ދޭ ބޭހެއް ގެއްލިގެން ޑޮކްޓަރު ބުނެފައިވާ ތާރީހާއި ހަމައަށް އެކުއްޖާއަށް ބޭސް ދީފައި ނުވާ ކަމަށް އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.