Last Updated: June 9, 20:11
Tuesday, June 9, 2026

(ޖުލައި 14، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ނަމަވެސް ފަހުން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރީމެވެ. އެއީ ޝާހިދު ދެކެ އަހަންނަށް ވެވިފައިވާ ތެދުވެރި ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު ބޯތިމަތިވި ތޫފާން ދިޔައީ ނުރައްކާވަމުންނެވެ. ޝާހިދު އަހަންނާ ވާހަކަ ދެއްކުން ހުއްޓާލި އެވެ. ގެއަކަށް އަންނާކަށް އޭނާއަކަށް ވަގުތެއް ނުވެ އެވެ.

ކިތަންމެ މަސަލަސްވެފައި އަހަރެން ސުވާލް ކުރި ނަމަވެސް ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ޝާހިދު ބުނާ ގޮތުން އޮފީހުގައި މާ ބޮޑަށް ބިޒީ ވަނީ އެވެ. ދަންވަރު އެހާ ލަހުން ގެއަށް އާދެވޭ ސަބަބަކީ އެއީ އެވެ. އެ އުޒުރު އަހަންނަށް ގަބޫލު ކުރަން ދަތިވުމާ އެކު ފަހުން ފެނުނު ކަންތައްތަކުން ހިތް ކުދިކުދިވި ކަހަލަ އެވެ.

ޝާހިދު ކޮންމެ ރެއަކު ކޮޓަރިތެރެ އަށް ވަދެގެން އަންނަނީ ހަމަހޭގައި އިންސާނަކު އަންނާނެ އުސޫލަކުން ނޫންކަން އަހަންނަށް ޔަގީން ކުރެވުނެވެ. އެވަގުތު އަހަރެންގެ އަމިއްލަ ނަފުސަށް ބިރުވެރި ވާން ފެށި އެވެ. ވާން މި އުޅެނީ ކިހިނެއް ބާވަ އެވެ؟ ޝާހިދު ނުބައި ގޯޅިއެއް އެޅިކަމުގެ ސިގްނަލްތައް ލިބުމާ އެކު އަހަރެން މި ވާހަކަ ދެ ފަރާތުގެ އާއިލާ އާ ވެސް ހިއްސާ ކުރީމެވެ.

އެހެނަސް ހައްލެއް ނުލިބުނެވެ. ދެ ފަރާތުން ވާހަކަ ދައްކައިގެ ވެސް ރަނގަޅު ކުރެވޭ ވަރަށް ވުރެ ބޮޑަށް ޝާހިދު ވަނީ އެ ވަބާގައި ޖެހިފަ އެވެ. މަސްތު ނުވެ އޭނާ އަށް ދިރިނޫޅެވޭ ހިސާބަށް ކަންތައް ދިޔައީ އެވެ. އެހެންކަމުން އަހަރެމެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޝާހިދު ހަމައަކަށް އެޅުވޭ ގޮތެއް ނުވި އެވެ. ރޮވުން ފިޔަވައި އަހަންނަށް އިތުރު ކަމެއް ނުކުރެވެ އެވެ.

އަހަރެންގެ މައްޗަށް ހަމްދަރުދީ ވާނެ ބަޔަކު ތިބި ނަމަވެސް އަހަންނަށް ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. ފިރިމީހާ ހަލާކުވެ ނެތިގެން ދާން ބޭނުން ވާނީ ކާކު ހެއްޔެވެ؟ އަހަރެން ބޭނުން ވަނީ ޝާހިދެވެ. އޭނާގެ ލޯތްބެވެ. ބަނޑުގައި އޮތް ދަރިފުޅު ބައްޕައެއްގެ ލޯބިން މަހުރޫމްވާކަށް އަހަރެން ބޭނުމެއް ނޫނެކެވެ.

އަހަރެންގެ ހިތުގައި ޝާހިދަށްޓަކައި ދިއްލުނު އުށްބައްތީގެ ހުޅުކޮޅު ފިޔަވައި އަހަރެން ބޭނުން އެކައްޗެއް ނެތެވެ. އަށް މަސް ފާއިތުވެގެން ދިޔައީ އަހަރެން ޝާހިދާ ދޭތެރޭ ފިކުރު ކުރަން ހުއްޓަ އެވެ. އެ ހިސާބަށް އާދެވުނު އިރު، ޝާހިދުގެ ސޫރަ ބަދަލުވެއްޖެ އެވެ.

ކުރީގެ ޝާހިދު ފެންނަން ނެތް ކަހަލަ އެވެ. އަހަރެންގެ ލޯބިވާ ޝާހިދު މުޅިން ހިކި އަނަރޫފަވެއްޖެ އެވެ. އެއީ ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އޭނާގެ ނިކަމެތިވެފައިވާ ހަށިގަނޑާއި ރަތްވެ، ވަރުބަލިވެފައިވާ ދެ ލޯ ފެނުމުން އަހަންނަށް ރޮވެ އެވެ. ހިތަށް އަރަ އެވެ. ޝާހިދު އެގޮތަށް ކަންތައް ކުރީ ކީއްވެ ބާވަ އެވެ؟ އޭނާ އެހާ ބޮޑަށް ބަދަލުވީ ކީއްވެ ބާވަ އެވެ؟

އަމިއްލަ އުފަލަށްޓަކައި އެހެން މީހަކަށް މިފަދަ ދެރައެއް ޝާހިދު ދިނީ ކީއްވެގެން ބާވަ އެެވެ؟ އެހެނަސް އަހަރެން އޭނާ އަށް ކުރާ އިތުބާރާއި ލޯތްބަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ.

(ނުނިމޭ)