Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

އައްޑޫ ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާއެއް ނެތް!

އައްޑޫ ސިޓީ ކައުންސިލްގެ މިދައުރުގެ އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާއެއް ލިޔެ ބަލަހައްޓަމުން ނުދާކަން އެނގިއްޖެއެވެ.

އައްޑޫ ކައުންސިލްގެ ޔައުމިއްޔާތައް ނުބަލަހައްޓާކަން އެނގުނީ ގާނޫނު ނަންބަރު 1/2014 މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޑޫ ކައުންސިލްގެ ނިންމުންތަކާއި ޔައުމިއްޔާ ހޯދުމަށް "އައްޑޫލައިވް"އިން ކައުންސިލަށް ހުށަހެޅުމުންނެވެ. ކައުންސިލުން ވަނީ ޔައުމިއްޔާ އާއި ގުޅޭ މައުލޫމާތު ދިނުމަށް 14 ދުވަހުގެ އިތުރު މުއްދަތެއް ބޭނުން ކަން އަންގާފައެވެ.

އައްޑޫ ކައުންސިލްގެ ނިންމުންތަކާއި ޔައުމިއްޔާ ހޯދުމަށް ވަކިު ފޮނުވި ދެ ސިޓީގެ ތެރެއިން ކައުންސިލުން ޖަވާބު ދީފައިވަނީ ނިންމުންތަކާއި ގުޅޭގޮތުން ހުށަހެޅި ފޯމަށެވެ. ނިންމުންތަކާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން އައްޑޫލައިވްއަށް ފޮނުވި ޖަވާބުގެ ސިޓީގައި ބުނެފައިވަނީ "އެދިފައިވާ މައުލޫމާތު ދިނުމަށް ކުރަންޖެހޭ މަސައްކަތަކީ ވަރަށް ގިނަ ވަގުތު ހޭދަވާނެ މަސައްކަތަކަށް ވުމާއި، އަދި ގޫގްލްޑްރައިވަށް މި ތަކެތި ލުމަށްޓަކައި ނެޓްވޯކް އަދި ސްޕޭސް މައްސަލަތައް ދިމާވަމުންދާތީ އެދިފައިވާ ގޮތަށް އީމެއިލް މެދުވެރިކޮށް މައުލޫމާތު ދިނުމަށް އުޒުރުވެރިވެއެވެ".

ކައުންސިލްގެ މުވައްޒަފަކު ނަން ނުޖަހާ ގޮތަށް މައުލޫމާތު ދެމުން ބުނީ "އައްޑޫލައިވް" އިން އެދުނު މައުލޫމާތު ތަކަކީ ކައުންސިލްގައި ބަލަހައްޓަމުން އަންނަ މައުލޫމާތުކެއް ނޫންކަމަށެވެ.

"އަޅުގަނޑަށް އެނގިފައި ނެތް ކައުންސިލްގެ އެއްވެސް ބައްދަލުވުމެއްގެ ޔައުމިއްޔާއެއް ދެން އަންނަ ޖަލްސާގައި ފާސް ކުރާކަމަށް، އެ ލިޔުން ތައްޔާރު ކުރާ ނަމަ އެ ލިޔުން ހުންނާނެތާ ފައިލްވެފައި، އެކަމެއް އެ އުސޫލުން ނުހިގާ، އެތަނުން ކުރާ ކަމަކީ ކައުންސިލް ބައްދަލުވުން ރިކޯޑު ކުރަނީ، ފަހުން އެ ރިކޯޑިންގެ މައްޗަށް އަނެއް ފަހަރު ރިކޯޑު ކުރަނީ"

އައްޑޫ ކައުންސިލްގެ ޔައުމިއްޔާތައް ހޯދުމަށް އައްޑޫލައިވްއިން ހުށަހެޅީ ޔައުމިއްޔާ ކައުންސިލްގެ ވެބްސައިޓުން ލިބެންނެތުމުންނެވެ. އެގޮތުން ކައުންސިލުން ނިންމާފައިވާ ރައްޔިތުންނާއި ގުޅުން ހުރި މުހިއްމު ނިންމުންތަކުގެ ޔައުމިއްޔާ ހޯދުމަށް ވަނީ ހުށަހަޅާފައެވެ.

އައްޑޫލައިވް އާއި ވާހަކަ ދެއްކި މުވައްޒަފަކު ބުނީ މީގެ ކުރިން ކައުންސިލްތަކުގައި ބައެއް ޔައުމިއްޔާ ލިޔެފައި ހުރި ކަމަށާއި، ނަމަވެސް މި ދައުރުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"ކޮންމެވެސް ވަރަކަށް ޔައުމިއްޔާއެއް ހުރެދާނެ، އެކަމަކު އެއީ ހަރުދަނާ ގޮތަކަށް ކައުންސިލުން ކުރަމުން އަންނަ ކަމެއް ނޫން"

އައްޑޫ ކައުންސިލުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި އިތުރަށް ސިޓީގައި ބުނެފައިވަނީ އެދިފައިވާ މައުލާތު ދޭން އުޅެ ކައުންސިލްގެ ލިޔެ ކިއުންތަކުގެ އަސްލު އޮޅިދާނެ ކަމަށެވެ.

އައްޑޫ ކައުންސިލުން މައުލޫމާތު ނުދީ ފޮނުވި ސިޓީގެ މައްސަލަ އިންފޮމޭޝަން ކަމިޝަނަށް ހުށަހަޅައި އިތުރަށް ކުރިއަށް ގެންދިއުމަށް މި ނޫހުން ވަނީ ނިންމާފައެވެ.

އައްޑޫލައިވްއިން ވަނީ އައްޑޫ ރައްޔިތުންނާއި ގުޅޭ 16 މައްސަލައެއްގެ މައުލޫމާތު ހޯދުމަށް ކައުންސިލަށް ހުށަހަޅާފައެވެ.