Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ކަވާނީ ގެންނަން ޗެލްސީން މަސައްކަތް ކުރަނީ

ޕީއެސްޖީގެ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ހޯދުމުގެ ރޭހުގައި ޗެލްސީން ވެސް ބައިވެރިވެފައިވާ ކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ކަވާނީ އަށް ޕީއެސްޖީގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން މަދުވެފައިވާއިރު އޭނާ ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން މިދިޔަ އާދީއްތަ ދުވަހު ޕީއެސްޖީ އަށް އަންގާފައެވެ.

ކަވާނީ ޕީއެސްޖީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށްފަހު ހަމަވާއިރު، ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީން ކަވާނީ ދޫކޮށްލާނީ އެންމެ މަދުވެގެން ވެސް 10 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ކަވާނީ ގެންނަން ޗެލްސީން ޝައުގުވެރިވާ ކަމަށް އިނގިރޭސި މީޑީޔާތަކުން ބުނާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ވެސް ވަނީ ކަވާނީ އަށް ތައުރީފް ކޮށްފައެވެ.

"ކަވާނީ އަކީ މޮޅު އަދި ތަޖުރިބާކާރު ކުޅުންތެރިއެއް. ތަޖުރިބާކާރު ކުޅުންތެރިން ގެނައުމުގެ ހިޔާލަކީ އެއްގޮތަކަށް ވެސް އަހަރެން ދޫކޮށްލަން ބޭނުންވާ ހިޔާލެއް ނޫން. ބައެއް ފަހަރު ޒުވާން ކުޅުންތެރިންނަށް އެފަދަ ކުޅުންތެރިންގެ އެހީވެސް ބޭނުންވާނެ" ލަމްޕާޑް ބުންޏެވެ.

ކަވާނީ ގެންނަން ޗެލްސީގެ އިތުރުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ވެސް ޝައުގުވެރިވެއެވެ. މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށް އަނިޔާވެ ދުވަސްތަކަކަށް ކުޅުމާ ދުރަށްދާން ޖެހިފައިވާތީ ކަވާނީ ގެނައުމުގެ ރޭހުގައި ޔުނައިޓެޑުން ވެސް ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.