Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ހުރިހާ ފަހަރެއްގައި މައްސަލައިން ރެކެން ނޫޅޭ، ޒިންމާ ނަގާ!

ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ -- ފޮޓޯ / މަޖިލިސް

އުމުރުން އެންމެ އެއް އަހަރާއި ނުވަ މަހުގެ ކުއްޖަކަށް އޭނާގެ ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ އަދި ބައްޕަ ވެސް ބައިވެރިވެގެން ޖިންސީ ގޯނާކޮށް، އެކުއްޖާ "ރޭޕް" ކޮށްލި ކަމަށް ތުހުމަތުވާ މައްސަލައަކީ މި ފަހުގެ ތާރީހުގައި ރާއްޖޭގެ ރައްޔިތުން މިފަދަ ހާދިސާއަކުން ރޮއްވާލާ ލޭ "ކައްކުވާލި" ހާދިސާއެކެވެ. މި ހާދިސާއިން ވަރަށް ބައިވަރު ވާހަކަތައް ކިޔައިދެއެވެ. ރާއްޖޭގައި މިފަދަ މައްސަލަތައް އޮތް މިންވަރާއި އިހުމާލުވުމުގެ ވާހަކަތަކަކީ މިފަދަ ހާދިސާތަކުން ކިޔައިދޭ ވާހަކަތަކެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެއްކިއްޖެއެވެ. ކަމާބެހޭ އިދާރާތައް މަޖިލީހުގެ ބޮޑު ކޮމެޓީއަށް ހާޒިރުކޮށް ސުވާލުތައްވެސް ކުރެވިއްޖެއެވެ. އެންމެ ފުރަތަމަ މި މައްސަލައާ ގުޅިގެން މަޖިލީހުގެ ޖެންޑާ ކޮމެޓީގެ ބައްދަލުވުން ބޭއްވުމަށްފަހު ނިންމާލީ ކަމާ ގުޅުންހުރި އިދާރާތައް ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމާފައެވެ.

ކުއްޖާ ހުރީ ރިސްކެއްގައި ކަމަށް ގަބޫލުކުރަނީ ކިހާވަރެއް ވުމުން!؟

ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާ އެންމެ ފުރަތަމަ ވެސް ސުވާލު ކުރެއްވީ ފުލުހުންނާއި ޖެންޑާއިން ލިޔުމުން ދީފައިވާ ލިޔުންތަކަށް ބެލުމަށްފަހުއެވެ. ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ޝިދާތާއަށާއި ފުލުހުންނަށް އަމާޒުކުރި އެއް ސުވާލަކީ ރިސްކް އެސެސްމަންޓް ހެދިފައިވޭތޯއެވެ.

އެކަން އެގޮތަށް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވާކަން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވިއެވެ. ވިދާޅުނުވެ "ގުމާފިރާ" ކުރުމަށްފަހު ވިދާޅުވަނީ ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން މައްސަލަ ހުށަހެޅުނު ހިސާބުން ފުލުހުންނާއި ޖެންޑާއިން ކަންތައް ކުރެއްވި ގޮތުގެ ވާހަކައެވެ. އެފަދައިން ޖަވާބު ދެއްވުމުން ފުލުހުންނާއި ޖެންޑާ މިނިސްޓަރުގެ އަނގަ ބަންދު ކޮށްލެއްވީ ކޮމެޓީގެ މުގައްރިރި ޖީހާންއެވެ. ޒުވާނުންގެ ބަހުރުވައިން ބުނާމަ މިނިސްޓަރު ޝިދާތާއާ ފުލުހުންގެ އޮފިސަރުން "ކަޑަ" ކޮށްލުމަށްފަހު ވިދާޅުވީ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މި މަހުގެ 15ވަނަ ދުވަހު ކަން ކުރި ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ނޫސްތަކުން އެކަން ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ.

ޖީހާން ވަީ މި މައްސަލާގައި ކުއްޖާގެ މަންމައާ ބައްޕައަކީވެސް މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ދެމީހުންކަން އެނގޭ ކަމަށާއި ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނާއި ޖިންސީ ގޯނާކުރާ މީހެއްކަން ފުލުހުންނަށްވެސް އެނގޭއިރު އެފަދަ އާއިލާއެއްގެ ތެރޭގައި ހުރި ކުޑަ ކުއްޖަކީ ނުރައްކަލެއްގެ ތެރޭގައި ހުރި ކުއްޖެއް ކަމަށް ގަބޫލު ނުކުރައްވަނީތޯ ސުވާލު އުފައްދާފައެވެ. ފުލުހުންނަށް މި ސުވާލަށްވެސް "ސީދަލަށް" ޖަވާބެއް ނުދެއްވުނެވެ. ވިދާޅުވީ އެފަދަ އާއިލާތަކުގައި ވަރަށް ބައިވަރު ކުދިން އުޅޭ ކަމަށާއި އަދި އެހެން އުޅޭ ހުރިހާ އާއިލާތަކުގެ ކުދިންނަކީ ނުރައްކަލެއްގައި ތިބޭ ކުދިންތަކެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަދި ވިދާޅުވީ އެފަދައިން ކުދިން ތިބި ކަމަށްވާނަމަ އެ ކުދިން ދައުލަތަށް ނެގުމަކީ ބޮޑު ބުރައަކަށްވެސް ވާނެ ކަމަށެވެ.

ފުލުހުންގެ މި ޖަވާބުން ގިނަބަޔަކު އައީ ރުޅިއެވެ. ސަބަބަކީ ނުރައްކަލެއްގައި ހުރި ކުއްޖަކު ރައްކާތެރި މާހައުލަކަށް ގެންގޮސްގެން ދައުލަތަށް އެކަމުން ލިބޭ ކޮން ބުރައެއް ހެއްޔެވެ. ދައުލަތަށް އެކުއްޖާ ބަލާކަށް މަހެއްގެ މައްޗަށް މިލިއަނެއްހާ ރުފިޔާ ހަރަދެއް ނުވާނެއެވެ. އެއަށްވުރެ މާ ބޭކާރު ފައިސާ "ބަދަލު" ދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ދެމުންނެވެ. ދެން ދައުލަތަށް ލިބޭނީ ކޮން ބުރައެއްތޯއެވެ. މިއީވެސް ދެކޮޅު ނުޖެހޭ ވާހަކައެއްކަން ޔަގީނެވެ.

ދައްކާ ވާހަކަ އެއްވެސް ވަރަކަށް ދިމަލެއް ނުވޭ!

މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޖެންޑާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. އިސްކަންދަރު ކޮށީގައި އޮތް މި ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ކުއްޖާގެ މުނިކާފައަކީ މީގެކުރިންވެސް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއްގައި ފުލުހުންނަށް މައްސަލައެއް ހުށަހެޅިފައިވާ މީހެއް ކަމަށެވެ. އަދި ހަމައެއާއެކު އެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ވެސް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އުމުރުން 82 އަހަރުގެ ފިރިހެން މީހާ މީގެ ކުރިން ވެސް ކުއްޖަކާ ދޭތެރޭ ޖިންސީ ގޯނާއެއް ކުރި ކަމުގެ ތުހުމަތު އުފުލިގެން ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ފޮނުވި ވާހަކަ ދާއޫދު ދެންމެ އެ ފާހަގަ ކުރެއްވީ. އެ މައްސަލާގައި ހިންގި ކަމަށް ހުށަހެޅުނު ކުށުގެ އެ މައްސަލާގައި އަމަލާއި ތުހުމަތު ކުރެވުނު މީހާގެ އުމުރާއި އެކަންކަމަށް ބަލާފައި ފުލުހުން އޭރު ނަގާފައި އޮތް ޑިސިޝަނެއް އެއީ އެ މައްސަލާގައި މި ދެންނެވީ 2018 ވަނަ އަހަަރުގެ ޖޫންގައި ހުށަހެޅުނު މައްސަލާގައި އޭނާ ހައްޔަރު ނުކުރަން. ހައްޔަރުނުކޮށް އެހެންނަމަވެސް އެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރުމަށްޓަކައި ކޯޓަށް ފޮނުވިން،" ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވިއެވެ.

ހައިރާންކަން ލިބިގެންދިޔަ ކަމަކީ ފުލުހުން މިފަދައިން ވިދާޅުވި ނަމަވެސް އެ ބުނާ ފަދަ އެއްވެސް ރެކޯޑެއް ޖެންޑާ މިނިސްޓްރީގައި ނެތް ކަމެވެ. އެކަމަކު މިއީ ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެވެ. މި މުއައްސަސާގައި މިފަދަ ލިޔުމެއް ނުވަތަ ރެކޯޑެއް ނެތްކަން މީޑީއާތަކަށް ވިދާޅުވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

"މަންމަގެ ވެސް ބައްޕަގެ ވެސް އެކަހަލަ ހިސްޓްރީއެއް ރެކޯޑެއް އަޅުގަނޑުމެންނަށް ރިޕޯޓުކުރެވިފައެއް ނެތް. އަދި ކުއްޖާގެ އާއިލާއާ ގުޅުންހުރި އެފަދަ މައްސަލައެއް ވެސް އަޅުގަނޑުމެންގެ ރެކޯޑުތަކުން ފެންނާކަށް ނެތް،" ޝިދާތާ ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ކުއްޖާގެ މުނިކާފަ، 2018 ވަނަ އަހަރު ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ދަނީ ހިނގަމުން އެވެ. ނަމަވެސް ތުއްތު ކުއްޖާގެ 'ރޭޕް"ގެ މައްސަލަ ފެންމަތިވަންދެން ވެސް އޭނާ ހުރީ މުޖުތަމައަށް ދޫކޮށްލާފަ އެވެ. މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އެއީ މައްސަލައިގައި ހިމެނޭ ކަންތައްތަކަށާއި އެމީހާގެ އުމުރަށް ބެލުމަށްފަހު 2018 ގައި ފުލުހުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އޭރު އޭނާ އަކީ ހައްޔަރުގައި ބަހައްޓަން ޖެހޭ މީހެއް ކަމުގައި ފުލުހުންނަށް ނުފެނުނު ކަމަށް ފުލުހުން އިއްޔެ ހާމަކުރިއެވެ.

އެކަމަކު މީހެއްގެ އުމުރެއް ބަލައި ކުށްވެރިއަކު ދޫކޮށްލާ އުސޫލެއް އޮވޭ ހެއްޔެވެ. އުސޫލެއް އޮތް ނަމަ މާލޭ ޖަލުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އުމުރުން 90 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހަކު މިއަދު ޖަލުގައި ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެނގިފައިވާ ގޮތުގައި އެމީހާ އެ މައްސަލާގައި ހައްޔަރުކުރި ހިސާބުން ފެށިގެން މުޖުތަމައުއަށް ދޫކޮށެއް ނުލައެވެ. އެހެންކަމުން ދައްކާ ވާހަކަތައް ދިމާ ނުވާކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ.

ކޮންމެއަކަސް މިއީ ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތްކަން މީގެކުރިން ދިވެހި ރައްޔިތުންނަކަށް ނޭނގެއެވެ. މިފަދަ މައްސަލައެއް ހުށަހެޅޭ ކޮންމެ ފަހަރެއްގައި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ވާހަކަ ވިދާޅުވާނެއެވެ. އެހެންނަމަވެސް މި ބޭފުޅުންގެ ސީރިއަސްކަން މި ކުއްޖާގެ މައްސަލައާ މީގެކުރިން ހިނގާފައިވާ ކަންކަމުން ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ.