Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ކުއްޖާ ރޭޕްކުރި މައްސަލާގައި އެމްޑީޕީއާ އަދާލަތު ހިމޭނުން!

MDP, Adhaalathu
އަދާލަތު ޕާޓީޣެ ރައީސް އިމްރާން އަބްދުﷲ (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ / މިހާރު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ ލޭ ކައްކުވާލި ހާދިސާއެކެވެ. ބައެއް މީހުން މަގުތަކަށް ނިކުމެ އަޑު އުފަލަމުން ދިޔައިރު ބައެއް މީހުން ދިޔައީ ސޯޝަލް މީޑީއާގައި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. ސިޔާސީ ޕާޓީތަކުން ދިޔައީ އެކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.

ނަމަވެސް އެންމެންވެސް އެންމެ ހައިރާންވެގެން ދިޔައީ މިފަދަ މައްސަލަތަކުގައި އެންމެ ފުރަތަމަވެސް ބަޔާން ނެރެ ކުށްވެރިކުރާ މައި ސިޔާސީ ޕާޓީ، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މިކަމުގައި ހަނު ހުރުމުންނެވެ. އެމްޑީޕީގެ އިތުރުން ސަރުކާރު ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީވެސް އަދި އަދާލަތު ޕާޓީގެ އިސް ބޭފުޅަކުވެސް މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައިވާ ތަނެއް ނުފެނެއެވެ. އެހެނެއް ނޫނެވެ. އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވީޓެއް ކުރެއްވިއެވެ. ނަމަވެސް އެއީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް މި މައްސަލާގައި ޓްވީޓެއް ކުރެވިއެވެ. ނަމަވެސް އެމަނިކުފާނުވެސް ކުރެއްވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަން އޮއްވާ ހައްޔަރުކޮށް، 10 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައިވާ އެމްޑީޕީގެ އިސް އެކްޓިވިސްޓް، އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަށް އިއްވާފައިވާ ހުކުމް މައާފުކޮށް އޭނާ މިނިވަން ކުރުމުން ގިނަބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލިއެވެ. ހުދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންވެސް އެކަމާއި ދެކޮޅަށް އަޑު އުފުލިއެވެ.

ނަމަވެސް އެމްޑީޕީން އެކަމާއި ދެކޮޅަށްވެސް ބަޔާން ނެރުނެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހޯރަ އިއްބެ މިނިވަން ކުރަން ނިންމަވާފައިވަނީ އިންސާނިއްޔަތުކަމަށް ރިއާޔަތްކުރެއްވުމަށް ފަހުގައިކަމަށެވެ. އެގޮތުން، އޭނާގެ ޙާލަތަށާއި އޭނާގެ ތުއްތު ދަރިފުޅުގެ ޙާލަތަށާއި މި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރައީސް ރިއާޔަތްކުރެއްވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިކަމުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބަޔާން ނެރެފައި ނުވި ނަމަވެސް އެމްޑީޕީއަށް ތާއީދުކުރާ ބައެއް މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.