Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ދުނިޔޭގެ އެންމެ ކުރު މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެ ކުރުމީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ނޭޕާލުގެ ކާޖެންދުރަ ތާޕާ މަގާރު އުމުރުން 27 އަހަރުގައި މަރުވެއްޖެއެވެ.

ތާޕާ މަރުވީ ވެރިރަށް ކަތުމަންޑޫއާ 200 ކިލޯމީޓަރ ދުރުގައި އޮންނަ ޕޮކަރާގެ ހޮސްޕިޓަލެއްގައި ނިއުމޯނިއާއަށް ފަރުވާ ދެމުންދަނިކޮށްނެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ ދެ ފޫޓު ދެ އިންޗި ބައެވެ. ބަރުދަނުގައި ހުންނަނީ އެންމެ ހަ ކިލޯއެވެ.

ކާޖެންދުރަ ތާޕާގެ ބޭބެ މަހޭޝް ތާޕާ އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ނިއުމޯނިއާ ޖެހިގެން އެތައް ފަހަރަކު އޭނާއަށް ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ.

"މިފަހަރު އޭނާގެ ހިތަށް ވެސް އަސަރުކުރީ. އެންމެ ފަހުން މިދުނިޔެ ދޫކޮށް ދިޔައީ" އޭނާގެ ބޭބެ އޭއެފްޕީއަށް މައުލޫމާތުދިނެވެ.

ކާޖެންދުރަ ދިރިއުޅެމުން ދިޔައީ އާއިލާގެ މީހުންނާއެކު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައެވެ.

ކާޖެންދުރަ ތާޕާއަށް ދުނިޔޭގެ އެންމެ ކުރު މީހާގެ މަގާމު ލިބުނީ 2010 ގައެވެ. އޭރު އޭނާގެ އުމުރުންވީ އެންމެ 18 އަހަރެވެ. ފަހުން ދުނިޔޭގެ އެންމެ ކުރުމީހާގެ ލަގަބު ލިބުނީ ނޭޕާލުގެ ޗަންދުރަ ބަހާދަރު ދަންގީއަށެވެ. އޭނާގެ އިސްކޮޅުގައި ހުރީ އެންމެ 21 އިންޗިއެވެ. ދެފޫޓުވެސް ހަމަނުވެއެވެ.

ޗަންދުރާ ބަހާދަރު ދަންގީ 2015 ގައި މަރުވުމުން ކާޖެންދުރު ތާޕާ މަގާރުއަށް ދެވަނަފަހަރަށް ދުނިޔޭގެ އެންމެ ކުރުމީހާގެ ލަގަބު ލިބުނެވެ.

ނޭޕާލަކީ ފަތުރުވެރިކަމުގެ ދުނިޔޭގައި ވަރަށް މަޝްހޫރު ގައުމެކެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ ހުރީ ނޭޕާލުގައެވެ. ދުނިޔޭގެ އެންމެ ކުރު ފިރިހެން މީހާ ދިރިއުޅެމުން ދިޔައީވެސް ނޭޕާލުގައެވެ.

ނޭޕާލުގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ނޭޕާލުގެ ސަރުކާރުން ކާޖެންދުރަގެ ބޭނުން ހެއުގޮތުގައި ބޭނުންކުރަމުންދިޔައެވެ. ނޭޕާލުގެ ޓުއަރިޒަމް އިޝްތިހާރު ކުރުމަށް ބޭނުންކުރާ ރަސްމީ މޫނަކީ ކާޖެންދުރަ ތާޕާއެވެ.

ވޯލްޑް ރެކޯޑު ފޮތުން ނެރުނު ވީޑިއޯއެއްގައި ކާޖެންދުރަ އޭނާގެ ބޭބެއާއެކު ގިޓާކުޅެ ބައިސިކަލް ދުއްވާތަނާއި އާއިލާގެ މީހުން ހިންގާ ފިހާރައެއްގައި އިށީދެ އިން މަންޒަރު ފެނިފައިވެއެވެ.

ކާޖެންދުރަ ވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށްފައެވެ. އޭނާ ދަތުރުކުރި ގައުމުތަކުގެ ކުރު މީހުންނާއި މަޝްހޫރު ބައެއް ޝަޚްޞިއްޔަތުންނާ އޭނާ ބައްދަލުކޮށްފައިވެއެވެ.

އެއްފަހަރަކު އިންޑިއާއަށް ކުރި ދަތުރެއްގައި ދުނިޔޭގައި ހުރި އެންމެ ކުރު އަންހެނާ ޖިޔޯތީ އާމުގެއާ ވެސް ބައްދަލުކުރިއެވެ. އޭނާ ޔޫރަޕާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަށް ކުރި ދަތުރުތަކުގައި އެ ގައުމުތަކުގެ ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވެއެވެ.

ކާޖެންދުރަ މަރުވުމުން މިހާރު ދުނިޔޭގައި ހުރި އެންމެ ކުރުމީހާގެ ލަގަބު ލިބެނީ ކޮލަމްބިއާގެ ހެނާންޑިސްއަށެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ 27.64 އިންޗިއެވެ.