Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

އީރާނުގެ ހަމަލާގައި އެމެރިކާ ސިފައިންގެ 11 މީހުން ޒަޚަމްވި

ޖެނުއަރީ އަށްވަނަ ދުވަހު އީރާނުން އިރާގަށް ދިން ވަރުގަދަ މިސައިލު ހަމަލާގައި އެމެރިކާގެ ސިފައިންގެ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް އެ ހަމަލާގައި އެމެރިކާގެ 11 ސިފައިން ޒަޚަމްވީކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ.

ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި ސިފައިންގެ 11 މީހުން ޒަޚަމްވިޔަސް އެ ހަމަލާގައި އެއްވެސް މީހަކު މަރެއްނުވެއެވެ. ޒަޚަމްވީ ގިނަ ސިފައިންނަށް ފަރުވާކުރަން ފޮނުވީ ޖަރުމަނަށެވެ. ކުވޭތަށް ވެސް ބައެއް ސިފައިން ބޭސްފަރުވާއަށް ފޮނުވިއެވެ.

އީރާނުގެ ހަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް އެންމެ ފުރަތަމަ ވެސް ވިދާޅުވި ބަސްފުޅަކީ ހުރިހާކަމެއް ރަނގަޅުކަމަށެވެ. ގެއްލުމެއް ނުލިބޭކަމަށެވެ. އެކަމަކު ފަހުން އެނގުނީ އެއީ ޓްރަމްޕް ހެއްދެވި އިތުރުފުޅެއް ކަމެވެ. ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަމަށެވެ. ސިފައިންގެ މަރުކަޒަށް ލިބުނީ އާދައިގެ ގެއްލުމެއްކަމަށެވެ. ހަގީގަތަށް ބަލާއިރު އެއީ ވެސް ވަރަށް ބޮޑު އިތުރުފުޅެކެވެ.

އެމެރިކާގެ ސިފައިން ބުނި ގޮތުގައި އީރާނުގެ ހަމަލާއަކީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި ހަމަލާއެކެވެ. އެ ހަމަލާގައި ސިފައިން މަރުނުވީ ހަމަލާގެ ޚަބަރު ކުރިން ލިބުމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ސަބަބުންނެވެ.

ސިފައިން ތިބީ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އެއީ ސައްދާމު ހުސައިންގެ ވެރިކަމުގައި ހަދާފައިވާ ތަންތަނެވެ. ވައިގެ ބަނދަރުގައި ހުރި ހެލިކޮޕްޓަރތަކާއި ޖެޓުތައް އެހެން ސަރަހައްދުތަކަށް ގެންދެވުނެވެ.

އީރާނުގެ މިސައިލު ހަމަލާތަކުން ރައްކާތެރިވުމަށް އެމެރިކާގެ ސިފައިން ފަސްގަޑިއިރަށްވުރެ ގިނަ ވަގުތު ބިންގަރާސްތަކުގައި ތިއްބެވެ.

އެމެރިކާގެ ސިފައިން ތިބޭ އިރާގުގެ ވައިގެ ދެ މަރުކަޒަކަށް އީރާނުން މިސައިލު ހަމަލާ ދިނީ މި ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު އެމެރިކާއިން ދިން ހަމަލާއެއްގައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރ ޖެނެރަލް ޤާސިމް ސުލައިމާނީ ޝަހީދުކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުން އެމެރިކާގެ ސިފައިން ތިބޭ ވައިގެ ދެ މަރުކަޒަކަށް ހަމަލާ ދިނުމާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަރަށް ނުރައްކާތެރި ދަރަޖައަކަށް ބަދަލުވެގެންދިޔައެވެ. ހަނގުރާމައިގެ ބިރުވެރި ހާލަތަކަށް ވެއްޓުނެވެ.