ތިން ކޯޓެއްގެ ފަނޑިޔާރު ކަމުގެ ހުވާ 9 ފަނޑިޔާރަކު ކުރައްވައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގައި އޮތް ރަސްމިއްޔާތެއްގައި ހުވާ ކުރެއްވީ، ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ބޭފުޅަކާއި ސިވިލް ކޯޓަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅަކާއި ކ. ގުރައިދޫ މެޖިސްޓްރޭޓޫ ކޯޓަށް ބޭފުޅެއްގެ އިތުރުން ތ. ހިރިލަންދޫ މެޖިސްޓޭޓު ކޯޓަށް އައްޔަންކުރެއްވި ބޭފުޅެކެވެ.
އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަައިޝާ ޝުޖޫނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ، ފަނޑިޔާރުންނަށް ދެވޭ ތަމްރީނުތަކަކީ ފަނޑިޔާރުން މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ޓަކައި ލިބިދޭން ޖެހޭ ތަމްރީނުތަކުގެ ގޮތުގައި ކަނޑައެޅިފައިވާނެ ކަމަށެވެ. އެހެންކަމުން އެ ތަމްރީނުތަކުގައި ވެސް ވަރަށް ރަނގަޅަށް ބައިވެރިވެވަޑައިގެން މަސައްކަތަކަށް އަހުލުވެރިވެވަޑައި ގަތުމަށް މަސްތޫރު ވަނީ އިލްތިމާސް ކުރައްވާފައެވެ. ބެންޗުގައި މަސައްކަތް ކުރައްވަން ފެއްޓުމަކީ އެފަދަ ތަމްރީނުތަކެއް ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް މަސްތޫރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސެއިން އާއި މަތީ އަދި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.