Last Updated: May 5, 09:08
Sunday, May 5, 2024
ޚަބަރު

ރައީސްގެ އެމެރިކާ ދަތުރު ތަފްސީލު ހާމަކުރަން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ސެޕްޓެމްބަރ މަހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލު ހާމަ ކުރުމަށް އިންފޮމޭޝަން ކަމިޝަންގެ އޮފީހުން ރައީސް އޮފީހަށް އަންގައިފިއެވެ.

އިންފޯމޭޝަން ކަމިޝަން އޮފީހުން ރައީސްގެ ދަތުރުފުޅުގެ ތަފްސީލު ހާމަ ކުރުމަށް އެންގީ އެ ދަތުރުގެ ތަފްސީލު ގާނޫނު ނަންބަރު 1/2014 މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށް ހުށަހެޅުމުން އެމައުލޫމާތު ރައިސް އޮފީހުން ހާމަ ނުކުރުމާއި ގުޅިގެންނެވެ.

މި މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވަނީ "ދިޔަރެސް" ކިޔާ ނޫހަކުންނެވެ. އެނޫހުން ބުނެފައިވަނީ ރައީސްގެ ދަތުރުފުޅުގެ ތަފްސީލު ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު ހުށަހެޅުމުން އެމައުލޫމާތު ރައީސު އޮފީހުން އެ މައުލޫމާތު ހާމަ ނުކުރިކަމަށެވެ. އެހެންވެ އެ މައްސަލަ އިންފޮމޭޝަން ކަމިޝަނަށް ހުށަހެޅުމުން މިއަދުގެ ނިޔަލަށް މައުލޫމާތު ހާމަ ކުރުމަށް ރައީސް އޮފީހަށް ވަނީ އަންގާފައެވެ.

"ދިޔަރެސް" އިން ވަނީ ރައީސް ނިއުޔޯކަށް ފްލައިޓުގައި ވަޑައިގަތް ކްލާސް އާއި، ހުރުމުގެ ހަރަދާއި، އެކުގައި ވަޑައިގެންނެވި ޑެލިގޭޝަން ފްލައިޓު ގައި ދަތުރުކުރި ކްލާސް އާއި އެކޮމޮޑޭޝަން ހަރަދުގެ ތަފްސީލު އެނގޭނެހެން ހޯދުމަށް ހުށަހަޅާފައެވެ. މި ދަތުރަށް ދައުލަތުގެ ބަޖެޓުން 6 މިލިއަން ރުފިޔާ ހަރަދުވި ކަމަށް "ދިޔަރެސް"އިން ވަނީ ބުނެފައެވެ. ނަމަވެސް ރައީސް އޮފީހުން އެ އަދަދު ދޮގު ކުރެއެވެ.